
އެގޮތުން މިއަދު ވެސް ނިއު ދިއްލީގެ ބޮޑު ސަރަހައްދެއްގައި ދުންފިނީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ސީޕީސީބީ (ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑް) އިން ހާމަކުރެއެވެ.
ދިއްލީގައި ދުންފިނީގެ އަސަރު ވަރަށް ގަދައަށް އިއްޔެވެސް ހުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި "އޭކިއުއައި" ހުރީ 386 ގައި ކަމަށް ވެސް ވެއެވެ.
ރާއްޖޭގެ ވެސް ވެރިރަށް މާލޭގެ ސަރަހައަދަށް ވައި ނުސާފުވުމުގެ ސަބަބުން މެޓް އޮފީސް (މޫސުމާބެހޭ ގައުމީ އިދާރާ) އިން އިއްޔެ އޮރެންޖު ސަމާލެއް ވެސް ނެރުނެވެ.
އެ އޮރެންޖު ސަމާލުގައި މެޓް އޮފީހުން ބުނެފައި ވަނީ އުތުރާއި މެދު ރާއްޖެތެރޭގައި ވައި ސާފު މިންވަރު ދަށްވެފައިވާ ކަމަށާ، އެގޮތުން ށ. ފުނަދޫއާއި ދ. ކުޑަހުވަދޫއާއި ލ. ގަމާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައި ކަމަށެވެ.
އެޗްޕީއޭ (ހެލްތް ޕްރޮޓެކްޝަން އެޖެންސީ) އިން ވެސް އިއްޔެ ބުނެފައި ވަނީ، ވައި ނުސާފުވުމުގެ ސަބަބުން އޮރެންޖް އެލާޓް ނެރެފައިވާ މާލެ ސަރަހައްދުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެނިހެން މީހުނަނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެހެންކަމުން ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރި ވުމުގެ ގޮތުން މާސްކްއެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ނޭވާލާ ނިޒާމުގެ މައްސަަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ނާޒުކު ހާލަތުގައިވާ މިހުން ބޭރުގައި އުޅުމުން ދުރުހެލުވުމަށާ، އެ ފަރާތްތަކުން ބޭރަށް ނުކުންނަ ނަމަ N95 މާސްކު އެޅުން ބުއްދިވެރި ކަމަށް ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.
ޔެލޯ އަދި އޮރެޖް އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށާ، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުރުން މަޑު ޖައްސާލުމަށް އަދި ބޭރުގެ ނުސާފުވައި ނުވަންނަ ހެން ގޭގެ ދޮރުތައް ލެއްޕުމާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެއެވެ.




