
މައުރޫފްއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގަ އެވެ. ނަމަވެސް އެނާއަށް ފަރުވާ ދެނީ ކޮން ސަބަބަކާހުރެ ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންނާ ސުވާލުކުރުމުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ޕާޓީގެ އިސް ބައެއް ބޭފުޅުން މިވަގުތު އައިޖީއެމްއެޗްގައި އެބަ ތިއްބެވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް އަދި ލީޑަރޝިޕްގެ ބައެއް ބޭފުޅުން އައިޖީއެމްއެޗް ގައި.-- ފޮޓޯ: ސޯޝަލް މީޑިއާ
ހޮސްޕިޓަލުގައި މި ވަގުތު ހުންނެވި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ފިޔެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މައުރޫފް ހައްޔަރުކުރުމުގައި މައިބަދައަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ހައްޔަރުކުރިއިރު މައިބަދައަށް އަނިޔާވެފައި ހުރި ކަމަށް މައުލޫމާތު ލިބެނީ، މި ވަގުތު އަދި އޮތީ އެމަޖެންސީގައި ބާއްވާފައި، 2:30 ހާއިރު ޑޮކްޓަރު އައިސް ބަލާފައި އެނގޭނީ ސާޖަރީއަށް ދާންޖެހޭކަން ނުވަތަ ނޫންކަން" ފިއްޓޭ ވިދާޅުވި އެވެ.
މައުރޫފް ފުލުހުން ހައްޔަރުކުރީ މިމަހުގެ 11 ވަނަ ދުވަހު، މަސްވެރިން ކުރި މުޒާހަރާ ލީޑުކުރި ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މައުރޫފް އެވަގުތު ހުރީ އެ ދޯނީގެ ވީލްހައުސްގައެވެ. ވީލްހައުސްއިން ތިރިއަށް އޭނާ ބޭލީ ފުލުހުންނެވެ. މައުރޫފްއަކީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކްރެޓަރީ ޖެނެރަލް އެވެ.
މައުރޫފްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ 5 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފަ އެވެ.




