ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު - ފޮޓޯ:މަޖިލިސް
މަޓޭ ހައްޔަރުކުރި މައްސަލަ އައިއެލްއޯ އަށް ހުށަހަޅައިފި
އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް އެ މައްސަލަ ހުށަހެޅީ އެމްޑީޕީން
ޖުނާން އަޙުމަދު 13 ޑިސެމްބަރ 2025 (ހޮނިހިރު)   17:36
މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހަޅައިފި ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ހިމެނޭހެން 8 މީހަކު އެ ހަރަކާތުގެ ތެރެއިން ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ، މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ އިދާރާ ކަމުގައިވާ އައިއެލްއޯ (އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން) އަށް އެ ޕާޓީން މިއަދު ހުށަހެޅި ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް، އެ ހުށަހެޅުމުގައި އެދިފައި ވާނެ ކަމަށް ބުނެ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ހެޔޮނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ މަޝްވަރާކުރަން ފެށުމަށް ސަރުކާރަށް އަންގަވައިދެއްވުމަށް ވެސް އެ ހުށަހެޅުމުގައި އެދިފައި ވާނެކަމަށެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް ގޮވާލާ އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، މެންބަރު މަޢުރޫފް ޒާކިރު އާއި އެތައް ބަޔަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކޮށް، އެންމެން ވަގުތުން ދޫކޮށްލުމަށް ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.

މަސްވެރިންނާ މެދުގައި ތަފާތުކުރުންތައް މި ސަރުކާރުން ގެންގުޅޭ ކަމަށާ، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ކަމަށްބުނެ ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ މި އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާ، އަދި އިހުތިޖާޖާއި ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުންޏެވެ.

މިއަދު ހަބަރު ލިބިފައިވާ ގޮތުގައި، މައުރޫފް މިހާރު ވަނީ މާލެއަށް ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ. އަދި އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގަ އެވެ. ނަމަވެސް އެނާއަށް ފަރުވާ ދެނީ ކޮން ސަބަބަކާހުރެ ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންނާ ސުވާލުކުރުމުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ޕާޓީގެ އިސް ބައެއް ބޭފުޅުން މިހާރު ވެސް ގެންދަވަނީ އައިޖީއެމްއެޗަށް ޒިޔާރަތްކުރަމުންނެވެ.

ކޮމެންޓް