ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި މަސްވެރިޔަކު ވާހަކަ ދައްކަނީ.-- ފޮޓޯ: ބީކޭއެމްޔޫ
މަސްވެރިންގެ އިހުތިޖާޖުގެ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި
މެންބަރު މައުރޫފު ހައްޔަރުކޮށްފައިވަނީ މަޖިލިސް މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާވެސް ހިލާފަށް: އެމްޑީޕީ
ޖުނާން އަޙުމަދު 12 ޑިސެމްބަރ 2025 (ހުކުރު)   10:09
ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރު މައުރޫފު ޒާކިރު ވެސް ހިމެނޭހެން 3 މީހަކު، ހައްޔަރުކޮށް 2 ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެކަން ކުށްވެރިކޮށް، އިހުތިޖާޖުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

އެކަމަށް ގޮވާލާ އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިވެހި މަސްވެރިންގެ އިސްނެގުމުގެ މަތިން މާލެ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ރޫޅާލާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން އެ ޕާޓީގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާ އިރު، ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށެވެ. އެހެން ކަމުން މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ." - އެމްޑީޕީގެ ބަޔާނުގައި ވެއެވެ. 

މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަން ފާހަގަ ކޮށް އެމްޑީޕީން ބުނީ، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކަށް ބިރު ދައްކާ، އެފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް އިއްޔެ އެކްސްގައި ވިދާޅުވެފައި ވަނީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިސްނަގައިގެން ކުރިއަށްގެންދާ އިހުތިޖާޖުގައި ބައިވެރިވި ކަންނެލި އޮޑި ފަހަރަށް ފުލުހުން އިއްޔެ އަރާ، އިހުތިޖާޖު ކުރަމުން ދިޔަ މަސްވެރިން ހައްޔަރުކުރުމަކީ ދިވެހި އިގްތިސޯދު ބިނާވެފައިވާ އެއް ތަނބަށް ދިން ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިކަން ކުށްވެރިކޮށް، ހައްޔަރީން ބަންދުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

"ސުލްހަވެރިކަމާއެކު މަސްވެރިން އިހުތިޖާޖު ކުރަމުން އެ ގެންދަނީ ސަރުކާރުންވި ވައުދު ފުއްދައި ދިނުމަށް ގޮވާލަމުން. މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން. ގަދަބާރުން މީހުން ހައްޔަރުކޮށްގެން މައްސަލަތަކަށް ހައްލެއް ނުހޯދޭނެ. ސަރުކާރުން، ކަންނެލި މަސްވެރިންނަށްވީ ވައުދު އަވަހަށް ފުއްދައިދިނުމަށް ގޮވާލަން." – ފައިސަލް ނަސީމް ވިދާޅުވެފައި ވެއެވެ. 

ބުދަ ދުވަހު ހެނދުނުން ފެށިގެން 50 އަށްވުރެ ގިނަ ކަންނެލި ދޯނީގައި ކަންނެލި މަސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް، އެ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ ފުލުހުން ދޯނިތަކަށް އަރަންފެށީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އަދި މެންބަރު މައުރޫފު ހިމެނޭހެން 3 މީހަކު ހައްޔަރު ކޮށް، 2 ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައި ވެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ބުނަނީ، ސަރުކާރުން ފޮނުވި ފުލުހުން ދޯނިތަކަށް އަރާފައިވަނީ ކޯޓު އަމުރެއް ނެތި ގާނޫނާއި ހިލާފަށް ކަމަށާ، މުޒާހަރާގައި ބައިވެރި ވެފައިވާ ބިދޭސީންނަކީ ގާނޫނީ އިމުގެ ތެރެއިން އެ ދޯނިތަކުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ.

ކޮމެންޓް