މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު – ފޮޓޯ: މުޙައްމަދު ވަޙީދު/އެސްއެމް
ގަރާޖު ޕާމިޓް ހުށަނާޅާ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރެވޭނެގޮތް ހަދައިފި
މަރްޔަމް މުޙައްމަދު 24 ޑިސެމްބަރ 2025 (ބުދަ)   15:10
ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު، އެޗްޑީސީ (ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން) އަދި މާލޭ ސިޓީ ކައުންސިލުން ދޫކުރާ، ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހި، އަންނަ އަހަރުން ފެށިގެން އެފަދަ އުޅަނދުތައް ރަަޖިސްޓަރީ ކުރެވޭނެ ގޮތް ހަދައިފިއެވެ.

މިކަމާގުޅޭގޮތުން ޓްރާންސްޕޯޓުން ކުރި އިއުލާނެއްގައި ވާގޮތުން، މިގޮތަށް ބަދަލުގެނައި ނމަވެސް، ވެހިކަލް ބާއްވާނެ ގަރާޖެއް ދައްކަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން، އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ޖާގައެއް އޮތުން ލާޒިމު ނަމަވެސް އިދާރީ ގޮތުން ގަރާޖާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް އާންމުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ.

އަދި މި ބަދަލު ގެނައި ސަބަބުތަކުގެ ތެރޭގައި، އެއް ހިދުމަތެއް ފުރިހަމަކުރުމަށް ދެ ފަހަރަށް ހުށަހަޅަންޖެހޭތީ ދިމާވާ ދައްޗަށް ހައްލެއް ގެނައުން ހިމެނޭ ކަމަށާ، އަދި 2009 ވަނަ އަހަރު، ގަރާޖު ލާޒިމްކުރުމުގެ ކުރިންނާއި، ކަނޑައެޅިގެން ވަކި ގަރާޖަކަށް ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުނުކުރެވި ޝަކުވާ ކުރަމުން އަންނާތީ އެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މިކަމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ.

އެއާއެކު، މާލޭ ޒޯނުގައިވާ އެ ފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި، ވެރިފަރާތް ބަދަލުކުރެވޭނެ ކަމަށާ، މި ބަދަލު އައި ނަަމަވެސް، ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން ޔަގީންކުރުމާއި، ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

މިހާރު އޮންނަގޮތުން، ގަރާޖާ ގުޅިގެން މިހާތަނަށް ތިން ލިޔުމެއް ހުށަހަޅަން ލާޒިމެވެ. އެއީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދައާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދައިގެ އިތުރުން ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން އެވެ.

ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންނެވެ.

ކޮމެންޓް