ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައި - ފޮޓޯ: ފިޔެސް
ފާއިތުވި 7 ދުވަސްތެރޭ 54 އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގި - ޕޮލިސް
ޖުނާން އަޙުމަދު 17 ނޮވެމްބަރ 2025 (ހޯމަ)   14:52
މާލެއާއި، ސިނަމާލެ ބްރިޖު އަދި ހައިވޭ ހިމެނޭނެހެން 54 އެކްސިޑެންޓު މާލެ ސަރަހައްދުގައި ފާއިތުވި ހަފްތާގެ ތެރޭގައި ހިނގާފައިވާ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން، މިމަހު 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ދެމެދު 54 އެކްސިޑެންޓުގެ ހިނގާއިފައިވާއިރު، އޭގެ ތެރެއިން 51 އެކްސިޑެންޓަކީ ކުދި އެކްސިޑެންޓުތަކެއް ކަމަށް ވީނަމަވެސް، އަނެއް އެކްސިޑެންޓު ތަކަކީ ސީރިއަސް އެކަސިޑެންޓުތައް ކަަމަށް ފުލުހުން މީސްމީޑިއާގައި ހާމަކުރައްވާފައިވެއެވެ.

ދުވަހެއް ދުވަހަކަށް އެކްސިޑެންޓުތައް ގިނަވަމުން ދިއުމާ ގުޅިގެން، މަގުމަތީގެ ގަވައިދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށާއި، މަގުމަތީގައި އުޅޭއިރު އާންމުން ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނެފައި ވަނީ، ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ވާއިރު، 43 އެކްސިޑެންޓު ދުވާލު ހިނގާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 11 އެކްސިޑެންޓެއް ރޭގަނޑުގެ ވަގުތުގައި ހިނގާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލާއި ކާރާއި ޖެހިގެން ކަމަށް ވާއިރު، އެފަދަ ގޮތަކަށް 15 އެކްސިޑެންޓު ހިގާފައިވެއެވެ. އަދި 2 ސައިކަލު ޖެހިގެން ވެސް 13 އެކްސިޑެންޓެއް ހިނގާފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ފެންނަނީ، މި އެކްސިޑެންޓުތަކުގައި ޖުމްލަ 8 ފަރާތަކަށް އެކި ވަރުގެ ޒަހަމް ލިބިފައިވާ ކަމަށެވެ. އަދި 43 އުޅަނދަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

ރިޕޯޓު ކުރެވިފައިވާ އެކްސިޑެންޓުތަކަށް ބަލާއިރު މިމަހުގެ 9 ވަނަ ދުވަހު 12 އެކްސިޑެންޓު، އަދި 10 ވަނަ ދުވަހު 13 އެކްސިޑެންޓު، 11 ވަނަ ދުވަހު 3 އެކްސިޑެންޓު، އަދި 12 ވަނަ ދުވަހު 10 އެކްސިޑެންޓު، ހިނގާފައި ވާއިރު، 13 ވަނަ ދުވަހު 8 އެކްސިޑެންޓު، އަދި 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު 4 އެކްސިޑެންޓު ހިނގާފައި ވެއެވެ.

މި އެކްސިޑެންޓުތަކުގެ ތެރެއިން 47 އެކްސިޑެންޓު މާލޭގެ ސަރަހައްދުތަކުގައި ހިނގާފައި ވާއިރު، ބާކީ 7 އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖާއި ހައިވޭގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް