
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނބުރާ ހޯދުމަށް ދައުވާކޮށްގެން އުޅެނީ އައިފޯން 16 ޕްރޯމެކްސް ފޯނެކެވެ. އެ ފޯނު ހޯދި އަންހެންކުއްޖާ އަކީ ށ. ބިލެއްފައްސަށް ނިސްބަތްވާ އަންހެންކުއްޖެކެވެ. އަދި އޭނާ، އިންނަން އާނބަސް ދިން ފިރިހެނަކީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
ބިލެއްފަހީ ކޯޓަށް އެ ފިރިހެންމީހާ މި މައްސަލަ ހުށަހަޅާފައި ވަނީ، އެ އައިފޯން 16 ޕްރޯމެކްސް ފޯނަކީ އޭނާ އަތުން މަކަރާއި ހީލަތުން ހޯދި ފޯނެއް ކަމަށާ، އެހެންކަމުން އެ ފޯނު އަނބުރައި ހޯދުމަށްކަމަށް ބުނެއެވެ.
އެހެން ނަމަވެސް ހުށަހެޅުނު މި މައްސަލައާ ގުޅިގެން އަންހެން ކުއްޖާގެ ފަރާތުން ވަނީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އެ ފިރިހެން މީހާއަށް ލިބިގެންނުވާ ކަމަށާ، މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށް ބުނެ، ފިރިހެން މީހާއަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެފައެވެ.
އަދި އެ ދައުވާ ކުރެވޭނީ ޕްރޮސިކިއުޓަރު ޖެނެރަލަށް ކަމަށް ވެސް އެ އަންހެންކުއްޖާ ބުނެފައި ވާއިރު، ދައުވާކުރި ފިރިހެން މީހާ ވަނީ އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައެވެ. އޭނާ ބުނެފައި ވަނީ މަކާރާއި ހީލަތްކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް އެއީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުމުގެ ގޮތުން ބުނެފައިވާ ބުނުމެއް ނޫންކަމަށެވެ.
ކޯޓުގައި އިހުތިސާސާމެދު އުފެއްދި ސުވާލާ ގުޅިގެން ފަނޑިޔާރު ވިދާޅޫވެފައި ވަނީ، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށާ، މި މައްސަލައިގައި ދައުވާ ލިބޭ އަންހެން ކުއްޖާ ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މައްސަލައަށް ޖަވާބުދާރީވާން ޖެހޭނެކަމަށެވެ.




