
ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް 3 ޑިސެމްބަރުގައި ފޮނުވި އެވެ. މިއަދު ޕީޖީ އޮފީހުން ނެރުނު ބެޔާނެއްގައިބުނެފައި އޮތްގޮތުން އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.
ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ މީހުންނާއި އުފުލި ދައުވާތައް:
ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ.
ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ.
ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށް:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ.
މީގެއިތުރުން ފުލުހުން ދައުވާކޮށްދޭން އެދުނު ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވެ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް ހެކި ލިބިފައިނުވާތީ އެވެ. އޭނާއަކީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ވެސް ނޫނެވެ.
އެ ނޫން އެހެން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއިރު ޕީޖީ އޮފީހުން އެދިގެން ދެ ވިޔަފާރިވެރިންނާއި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ދޫކޮށްލައިފަ އެވެ. އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ އެވެ.




