
މިކަން އިއުލާންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދާދިފަހުން ރައީސް މުއިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ފަރާތުން ރައީސަށް ލިބިލެއްވި މައުލޫމާތާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ހާއްސަ ލުއިތަކެއް ދެއްވަން ނިންމެވީ ކަމަށެވެ.
"ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައްވެސް ހިއްސާ ކުރެއްވި ކުރެއްވުމާއެކުގައި ރައީސް ވަރަށް ސީރިއަސް ތޯޓެއް މިކަމަށް ދެއްވި. އަދި އިއްޔެ ވަޒީރުންގެ މަޖިލީހުގައި ރައީސް މަޝްވަރާ ކުރައްވާ ކުރިއަށް އޮތް ދެއަހަރު ދުވަހަކީ އެސްއެމްއީސްއަށް، ސްޓާޓަފް ނުވަތަ ކުދި ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް، ހާއްސަ ލުއިތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދެއަހަރުގެ ގޮތުގައި ވަނީ އެމަނިކުފާނު ހަމަޖައްސަވާފައި." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އެގޮތުން މީރާ އާއި ކަސްޓަމްސް އާއި ޕޯޓް އަދި އެއަރޕޯޓާ ގުޅުންހުރި ޚިދުމަތްތަކުގެ އިތުރުންވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތަކަށްވެސް ކުރިއަށް އޮތް ދެއަހަރު އެޑްރެސް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ކުރައްވާނެ ގޮތެއް ނުވަތަ ގެންނަވާނެ ބަދަލުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު، އަންނަ އަހަރު ދިނުމަށް ނިންމާފައިވާކަން މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ.
އަދި ފާއިތުވި 2 އަހަރުގެ ތެރޭގައި 595 ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާ ބިޒްނަސް ސަޕޯޓްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާ، އެއީ 10 ދާއިރާއަކަށް ޚާއްސަކޮށްގެން ދޫކޮށްފައިވާ ލުއިލޯނުކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި އެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ބިލްތަކަށް 13 ބިލިޔަން ރުފިޔާ ދައްކާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެތެރެއިން 5 ބިލިޔަން ރުފިޔާއަކީ އެސްއެމްއީ ތަކަށް ދޫކުރި ފައިސާ ކަމަށެވެ.




