ޕޭމަންޓް މޯލްޑިވްސް އިފްތިތާހުކުރުމުގެ ތެރެއިން.-- ފޮޓޯ: އެމްއެމްއޭ
އެމްއެމްއޭ އިން އުފެއްދި ކުންފުނި ޕޭމަންޓް މޯލްޑިވްސް އިފްތިތާހުކޮށްފި
މަރްޔަމް މުޙައްމަދު 22 ޑިސެމްބަރ 2025 (ހޯމަ)   15:28
ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފެއްދި ކުންފުނި "ޕޭމަންޓް މޯލްޑިވްސް" އިފްތިތާހުކޮށްފި އެވެ.

މިއީ އެމްއެމްއޭގެ ނަމުގައި އެ ބޭންކުގެ 60 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނި އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މީގެ ހައެއްކަ އަހަރުކުރިން ފައިސާގެ 40 ޕަސެންޓު މުއާމަލާތް ކުރީ ޗެކުން ކަމަށާއި، މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ހަތް ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލުގައި އެކައުންޓުތަކުން ފައިސާ ފޮނުވާ އަދަދު 49 ޕަސެންޓުން 83 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

އަދި ފަވަރަ ތައާރަފްކުރެވުމާއެކު، އެކައުންޓުތަކުން ފައިސާ ފޮނުވާ އަދަދު އިތުރުވެފައިވާކަން މުނައްވަރު ފާހަގަކުރެއްވިއެވެ. މުނައްވަރު ވިދާޅުވިގޮތުގައި ފަވަރަ މެދުވެރިކޮށް މިއަދާ ހަމައަށް 16 މިލިއަން ޓްރާންސެކްޝަން ހިނގައި އެ ޓްރާންސެކްޝަންތަކުން 23 ބިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވެއެވެ.

މިއަދު އިފްތިތާހުކުރި ކުންފުނި ވެގެންދާނީ ރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާ އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ހަމައެހެންމެ، ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާނީ މި ކުންފުނިން ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ކުންފުނި އުފެދިގެން ދިޔުމާއެކު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ގެ ހިންގުން އެ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އެމްއެމްއޭއިން ބުނީ އެ ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއައްޔަތުތަކާ މުޅީން ވަކީން ވަކި މެނޭޖުމެންޓެއްގެ ދަށުން ކަމަށެވެ.

"މިހާރުވެސް ފެށިގެން ކުރިޔަށްދާ މުހިންމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިޔާގެ ޔޫޕީއައި އާއި ގުޅާލާ ކްރޮސް ބޯޑަރ އިންޓަރގްރޭޝަން ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތްވެސް ދެން ކުރިޔަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސްއިން،" އެމްއެމްއޭއިން ބުނެ އެވެ.

މި ކުންފުނި އުފެއްދުމަށް މަގުފަހި ކުރުމަށް އޮގަސްޓު މަހު ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް މަޖިލީހުން ބައެއް ބަދަލުތައް ގެނައެވެ.

ގައުމީ ޕޭމަންޓް ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން އެމްއެމްއޭއިން ބުނެފައި ވެއެވެ.

ކޮމެންޓް