ޑައިރެކްޓަރު ފައްތާހު، ގައުމީ ފިލްމު އެވޯޑްގައި އޭނާއަށް ލިބުނު އެވޯޑަކާއެކު.-- ފޮޓޯ: ފިޔެސް
ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ފިޔެސް 30 ޑިސެމްބަރ 2025 (އަންގާރަ)   20:58
ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާއަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފައްތާހު ވަރަށް ފަހުން ދަތުރުވަރެއްގައި މާލޭގައިވެސް އުޅުއްވިއެވެ. އޭރު އޭނާއާ ބައްދަލުވި މީހަކު ބުނިގޮތުގައި އޭރު އޭނާގެ ހާލު ރަނގަޅެވެ. ސިއްހީ އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަ ނުވާކަމަށްވެސް ފައްތާހުގެ ރަހުމަތްތެރިޔާ ބުންޏެވެ. 

ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވިއިރު، އޭނާ އަކީ ވެރިކަން ކުރާ ޕީއެންސީ ޓިކެޓްގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން ޓިކެޓް ހަމަޖެހިފައިވާ ކެނޑިޑޭޓެވެ.

ފައްތާހު ވަނީ ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފަ އެވެ. އަދި ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އޭނާ އުފެއްދި އެވެ. 

މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން، 2004 ވަނަ އަހަރު އޭނާއަށް ވަނީ ގައުމީ އިނާމު ވެސް ދީފައެވެ.

ފައްތާހު އެންމެފަހުން ޑައިރެކްޓްކުރީ ދިވެހި ފިލްމް "ހައްދު" އެވެ. އެ ފިލްމު ޑައިރެކްޓް ކުރުމަށްފަހު ފިލްމީ ދާއިރާއިން ރިޓަޔާ ކުރުމަށްފަހު ކެލާއަށް ބަދަލުވީ 2018 ގައެވެ. އޭގެ ފަހުން އެރަށުގައި އޭނާ ކުރަމުންދިޔައީ ރެސްޓޯރަންޓް ވިޔަފާރިއެވެ. 


ކޮމެންޓް