އައިމިނަތު އަލީ އަދި މުޙައްމަދު އަލީ.--
ބޭބެ ނިޔާވިތާ 24 ގަޑިއިރު ނުވެ ކޮއްކޮ ނިޔާވެއްޖެ
ފިޔެސް 1 ޑިސެމްބަރ 2025 (ހޯމަ)   11:02
ބ.އޭދަފުއްޓަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި އެރަށުގައި ރީތި މިސްކިތެއް ބިނާ ކުރެއްވި ޑޭޒީވިލާ، މުޙައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރުވެސް ނުވަނީސް އޭނާގެ އަންހެން ކޮއްކޮ ނިޔާވެއްޖެ އެވެ.

މުޙައްމަދު އަލީ އުމުރުން 91 އަހަރުގައި ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މުޙައްމަދު ނިޔާވިތާ 24 ގަޑިއިރުވެސް ނުވަނީސް އޭނާގެ ހަގަށް ހުންނަ އަންހެން ކޮއްކޮށް އައިމިނަތު އަލީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އުމުރުން 85 އަހަރުގައި އައިމިނަތު ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހުއެވެ. އައިމިނަތުގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިން ކުރިމަތިވި އެކި މައްސަލަތަކާ ހެދި އެނދުމަތިވެފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މުޙައްމަދު އާއި އައިމިނަތު ނިސްބަތްވާ އާއިލާއަކީ އޭދަފުށީގެ ވަރަށް ބޮޑު އާއިލާއެކެވެ.

އައިމިނަތު މިއަދު ނިޔާވިއިރު އެ އާއިލާގެ ގިނަބަޔަކު ވަނީ މުޙައްމަދުގެ ޖަނާޒާގައި ބައިވެރިވުމަށް އިންޑިއާއަށް ގޮހެވެ.

ކޮމެންޓް