ސްޓެލްކޯ ހެޑްއޮފީސް.--
ކަރަންޓްގައި ޖެހި ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
މަރްޔަމް މުޙައްމަދު 11 ޑިސެމްބަރ 2025 (ބުރާސްފަތި)   09:22
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި ހާދިސާގައި ކަރަންޓްގައި ޖެހި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.

އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.

ކޮމެންޓް