ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުއައްޒަފުންތަކެއް މަސައްކަތުގައި - ފޮޓޯ: ފޭސްބުކް
ސަރުކާރުގެ ކުންފުނިތައް ގެއްލުމުގައި، މުވައްޒަފުން ނެގުން އިންތިހާގައި
މުޅި ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން
ޖުނާން އަޙުމަދު 15 ޑިސެމްބަރ 2025 (ހޯމަ)   16:11
ސަރުކާރު 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 281 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަން ހާމަވެފައި ވާއިރު، ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނަގަމުންދާ އަދަދު އިންތިހާއަށް ގޮސް، އެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާރު 37،900 އަށްވުރެ އިތުރުވެފައިވާ ކަމަށް ޕީސީބީ (ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު)ގެ ކުއާޓާލީ ރިޕޯޓުން ހާމަވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކަށް މުއައްޒަފުން ނެގުމުގައި ހައްދެއް ނެތް ކަމަށާއި، އެތަންތަނަށް މުއައްޒަފުން ނަގަމުންދަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޕީސީބީން އާންމުކުރި އިރު، އެ ރިޕޯޓުން ދައްކާގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ތިބި މުއައްޒަފުންގެ އަދަދު ވަނީ، މުޅި ސިވިލް ސާވިސްގައި މުއައްޒަފުން ތިބި އަދަދަށް ވުރެ ވެސް މަތީގައެވެ.

އެގޮތުން މުޅި ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުން މިހާރު ތިބިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު 37،900 އަށްވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށާ، އެ ތަންތަނުގެ މުއައްޒަފުންގެ އަދަދު މިދިޔަ އަހަރު ހުރީ 35،000 ގައި ކަމަށް ޕީސީބީގެ ހުސްވިއަހަރުގެ ތަފާސް ހިސާބުތަކަށް ބަލައިލުމުން ވެސް އެނގެއެވެ. އެހެންކަމުން މި އަދަުތަކަށް ބަލައިލުމުން މިއީ މި އަހަރު އެކަނި ވެސް ގާތްގަނޑަކަށް 3،000 އެއްހާ މުވައްޒަފުންގެ އިތުރުވުމެއް ކަމަށް ދައްކައެވެ.

ޕީސީބީގެ ރިޕޯޓުގައި ވަކިވަކި ކުންފުނިތަކުގައި މުއައްޒަފުން ތިބި އަދަދު ހާމަކޮށްފައި ނުވުމުން އެގޮތެއް ސާފެއް ނުވެއެވެ. އަދި މި ސަރުކާރުގައި ސިޔާސީ މުއައްޒަފުން ތިބި އަދަދަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ވެފައި ވަނީ އަދިއަދަށް ވެސް ސިއްރުކުރައްވާފައިވާ ކަމަކަށެވެ.

ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 281 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޕީސީބީގެ މި ރިޕޯޓުން އެނގޭ އިރު، ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.

ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ، އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ ގެއްލުން 46.36 މިލިއަން ރުފިޔާއަށް އަރަ އެވެ.

ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވީ ފެނަކައަށެވެ. އެ ކުންފުންޏަށް ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.

އާރުޑީސީއަށް އެހާ ބޮޑު ގެއްލުމެއް ވީ، އެ ކުންފުނީގެ އެ ކުއާޓާގެ އާމްދަނީ 62 ޕަސެންޓް ދަށްވުމުންނެވެ. މިދިޔަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.

އައިލެންޑް އޭވިއޭޝަނަށް ދެވަނަ ކުއާޓާގައި ގެއްލުންވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. އަދި ދަރަނި އަދާކުރުމަށް ކުރި ހޭދަ ވެސް އިތުރުވުމުގެ ސަބަބުންނެވެ. ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ދަރަނި 903 މިލިއަން ރުފިޔާއަށް އަރަ އެވެ. ކުންފުންޏަށް ގެއްލުވި ނަމަވެސް ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަން ހިންގީ 72 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ.

ފުރަތަމަ ކުއާޓާގައި ފެނަކައަށް ގެއްލުވި އިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެނަކައަށް ޖުމްލަ 120 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރިން ވަރަށް ބޮޑަށް ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވީ ގެއްލުމެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ 19.66 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެއް ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް