
ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް މި ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބުނެ އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
މިއަދުގެ ނޫސް ބަޔާނުގައި، ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވާތީ، އެމްޑީޕީގެ އަންހެނުންގެ ރޫހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައި ވެއެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅެއެވެ. ދައުލަތުގެ މުއައްސަސާތަކަކީ މިފަދަހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓަރ ކުރުމަށް މަސައްކަތްކުރާ ކަމެވެ." - އެމްޑީޕީ
މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި، ނެރެދޭ ނަތީޖާއާއި، ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ކަން ފާހަގަކޮށް އެމްޑީޕީން ބުނެފައި ވަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށާ، އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއް ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
"އަހްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަހްލާގީމިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެކެވެ. މި ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތެވެ." - އެމްޑީޕީ
އަދި މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި، ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުންކަމަށް ދެކޭކަމަށް ބުނެ، އެ ބަޔާނުގައި ބުނެފައި ވަނީ، މިއީ އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެއް ކަމަށެވެ.
އެހެންކަމުން، މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލާ ކަމަށާ، އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހަނދާންކޮށްދޭ ކަމަށް ވެސް އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
ދިވެހި ސިވިލް ސާވިސް ގަވާއިދު 2014 އަށް 15 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު މިހާރު އާންމުކޮށްފައިވާއިރު އެ ގަވާއިދުގައިވާގޮތުން އަންހެން މުވައްޒަފުންގެ ހެދުން ފައިގެ ތަނބިކައްޓަށްވުރެ ކުރުވެގެންނުވާނެ އެވެ. އަދި ހެދުމުގެ ގޮތުގައި ބޭނުންކުރެވޭނީ ދިވެހި ލިބާހާއި އޮފީސް ހެދުމެވެ. އަދި ހެދުން ފަހާފައި ހުންނަންވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުންނެވެ.
މީގެ އިތުރުން އަންހެން މުވައްޒަފުންގެ ބޮލުގައި ކަޅު ނޫން އެހެންކުލައެއް ޖެއްސުމަކީވެސް ނުވަތަ ކުލައަކުން ޝޭޑް ކުރުމަކީވެސް މަނާ ކަމެކެވެ.
ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.
މީގެއިތުރުން ފިރިހެން މުވައްޒަފުން އޮފީހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. ހެދުމުގެ ގޮތުގައި ފިރިހެން މުއައްޒަފުންނަށް ބޭނުންކުރެވޭނީ އަތްދިގު ގަމީހާއި އަތްކުރު ގަމީހާއި ބުޝް ގަމީހެވެ. އަދި ބެގީކޮށްފައި ހުންނަންވާނީ ބެލްޓް ނޮފޮރުވޭ ވަރަށެވެ.
ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވިތާ 10 ދުވަސް ފަހުން އެ ގަވާއިދު އިސްލާހުކޮށް އާންމުކުރީ ހުސްވި ޑިސެމްބަރު މަހުގެ 31 ގައެވެ.
ހުސްވި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް-1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާއީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު އެމަނިކުފާނާ ކުރަމުން އަންނަ ކަމަށާ، އެހެންކަމުން ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް އެ ކޮމިޝަނަށް އެމަނިކުފާނު ދަންނަވާފައިވާނެ ކަމަށެވެ.




