ސަނީ އުމަރު ފުލުހުންގެ ވެހިކަލަކަށް އަރުވާފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމައިފި
މަރްޔަމް މުޙައްމަދު 2 ޖެނުއަރީ 2026 (ހުކުރު)   18:43
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް ގެ ވެރިޔާ ގ. މާވަނި، ހުސައިން ސަނީ އުމަރު، އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ހުސައިން ސަނީ އުމަރު، ގާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް މި އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ވަނީ ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައި ކަމަށެވެ.

އަދި މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާ، ތަހުގީގުގައި ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް އެ އޮފީހުން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދީފައި ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ސަނީ އުމަރު ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށެވެ. އޭނާގެ ބަންދަށް އެންމެފަހުން ޖަހައިފައިވަނީ 30 ދުވަހެވެ. އެ މުއްދަތު ހަމަވީ އިއްޔެ އެވެ. މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީ އުމަރަށް ތުހުމަތު ކުރެވެނީ, އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.

އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައި ވާއިރު، އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

ކޮމެންޓް