
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ.ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 އޭޕްރީލް 5 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މުއްދަތު ހަމަވާނީ 2026 އޭޕްރީލް 21 އަށެވެ.
އާދަމް ޢަދްލާން ލަޠީފް ހައްޔަރުކޮށްފައިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އާދަމް ޢަދްލާން ލަޠީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ވަނީ ފެނިފައި ވާކަމަށާއި، މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަންލިބޭ ގޮތަށް އެކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެކެވެ. އެގޮތުން، މިފަދަ އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ހޯދައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާނެކަމުގެ ޔަގީންކަން ފުލުހުންގެ ފަރާތުން ދީފައި ވެއެވެ.




