އިންތިހާބެއްގައި ވޯޓާސް ލިސްޓް ޗެކްކުރަނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު 294,937 މީހުނަށް ލިބިފައިވޭ
މަރްޔަމް މުޙައްމަދު 8 ޖެނުއަރީ 2026 (ބުރާސްފަތި)   09:37
މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފި އެވެ.

އީސީން ބުނީ ދިވެހިސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، 

(VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ރަޖިސްޓަރީ ޗެކްކުރެވޭނެކަމަށެވެ.

ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް، ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

އީސީން ބުނީ މި މުއްދަތުގައި ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެކަމަށެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށް އީސީން ބުނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

އީސީން އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ކޮމެންޓް