
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ޕޯޓަލް އާންމުކުރުމުން، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރެވޭނެ ކަމަށެވެ. އެކަމަކު، ފޯމު ހުށަހެޅޭނީ އެކަމަށް އެދި ރަސްމީކޮށް ހުޅުވާލުމުން ކަމަށް އެ އިދާރާއިން ބުންޏެވެ.
އާއްމުންނަށް ފެންނާނެ ގޮތަށް ކުރީބައިގައި ޕޯޓަލް ހުޅުވާލީ ފަސޭހައަކަށް ކަމަށާއި އޭރުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކޮށް، އަޕްލޯޑު ކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑު ކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ބުންޏެވެ.
އީސީން ބުނީ އިންތިހާބަށް ހާއްސަކޮށްފައިވާ ޕޯޓަލް، my.elections.gov.mv އަށް ލޮގިންވާނީ އެ މީހެއްގެ އަމިއްލަ އީފާސް އެކައުންޓުން ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒް ކުރުމަށް ރިކުއެސްޓެއް ދާނެ އެވެ. ޕާޓީތަކުން އެ ރިކުއެސްޓު ޕްރޮސެސް ކުރާނީ 'ސިމެދަ' ނަމަކަށް ކިޔާ ޕޯޓަލުންނެވެ.
ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ ނަމަ އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެ އެވެ. އަދި ކެންޑިޑޭޓު، އެ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހާއަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެ ކަމަށް އީސީން ބުންޏެވެ.
އެއަށްފަހު، ތާއީދު ދިނުމުގެ ރިކުއެސްޓްތައް ގަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހެއެވެ.




