އެމްޑީޕީ އިން ބޭއްވި އިންތިޚާބެއްގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީގެ ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތައް އާންމުކޮށްފި
ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީގައި މާލެއާއި އަތޮޅުތެރޭގައި ޖުމްލަ 65 ވޯޓުފޮށި ބަހައްޓާނެ
ހަސަން އިބްރާހީމް 10 ޖެނުއަރީ 2026 (ހޮނިހިރު)   21:57
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވޯޓުލުމަށްޓަކައި، މާލެއާއި އަތޮޅުތެރޭގައި ވޯޓުފޮށި ބަހައްޓާނެ މަރުކަޒުތައް އާންމުކޮށްފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ޕްރައިމަރީގައި ވޯޓް ލުމަށްޓަކައި މާލެ އާއި އަތޮޅުތެރޭގައި ޖުމްލަ 65 ވޯޓު ފޮށި ބަހައްޓާނެ އެވެ.

ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކަށް ބަލާއިރު، މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 14 ފޮއްޓެއް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މާލެއިން ބޭރުގައި، އަތޮޅުތަކުގެ އެކި ރަށްރަށުގައި 34 ވޯޓު ފޮށި ބެހެއްޓުމަށްވެސް ކަނޑައަޅާފައި ވެއެވެ. މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވާ 14 ފޮށިވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލްގައެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފޮށިތައް ބަހައްޓާއިރު، އެންމެ ގިނަ ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލާއި ހިރިޔާ ސްކޫލްގައެވެ. އެއިން ކޮންމެ ސްކޫލެއްގައި 4 ފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން އިސްކަންދަރު ސްކޫލްގައި 3 ފޮށި، ގަލޮޅު މަދަރުސާއާއި ގާޒީ ސްކޫލްގައި 2 ފޮށި، އަދި މުހިއްޔުއްދީން ސްކޫލާއި ކާމިލް ދީދީ ސްކޫލްގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތެރޭގެ ވޯޓުލުމުގެ އިންތިޒާމުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އެއީ ތިނަދޫ ދާއިރާތަކަށް ޚާއްސަ ފޮށިތަކެވެ. ބޮޑެތި އާބާދީތަކަށް ބަލާއިރު ލ.ގަމުގައި 3 ފޮށި، އައްޑޫ ސިޓީގައި 2 ފޮށި އަދި ހުޅުދޫގައި 1 ފޮށި ބަހައްޓާނެއެވެ. އަދި އޭގެ އިތުރުން ފުވައްމުލައް ސިޓީގައި 1 ފޮށި ބަހައްޓާއިރު، ގއ. އަދި ގދ.އަތޮޅުގެ އެހެން ރަށްތަކުގައި 2 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި ފަހަރުގެ ޕްރައިމަރީގައިވެސް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާއިރު، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 16 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ގެ ނިޔަލަށެވެ.

ކޮމެންޓް