
އެމްޑީޕީ ހަރުގެ ޖަލްސާގައި މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމުގެ ބިލާ ގުޅިގެން އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ. އަދި އެފަދަ ކަންކަމުގައި އެމްޑީޕީން ބަސްބުނުމުން އެ ޕާޓީގެ މެންބަރުންނާ ދިމާލަށް 'ހަރާމް ކަންކަން ކުރާ ބައެކޭ' ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވާހަކައިގެ ތެރެއިން މޫސަ ވިދާޅުވީ ރާއްޖޭގައި އުޅޭ އިލްމުވެރިންނަކީ އަމިއްލަ މަންފާއަށްޓަކައި ހަދީސާއި ޤުރުޢާނުގެ އާޔަތްތައް ބަދަލުކޮށްގެން އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާ ބައެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ނުކުންނަ އިލްމުވެރިންނަކީ މުސީބާތެއް ކަމަށާއި، އެފަދަ ބޭފުޅުން ގޭގައި މަޑުން ތިއްބެވުމަށް ވެސް މޫސަ ގޮވައިލެއްވިއެވެ.
"މި ޕާޓީއާ ދިމާލަށް އެމީހުން އަޅުގަނޑުމެންނަކީ ހަރާމް ކަންތައް ކުރާ ބައެކޭ، އަޅުގަނޑުމެންނަކީ މުރުތައްދުވެފައިވާ ބައެއް ކަމަށް ބުނާއިރު ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމީ ރުކުންތައް ގަބޫލުކުރި މީހަކާ ދިމާލަށް ފުރަތަމަ ކާފަރެކޭ ބުނުމަކީ ކާފަރަކަށްވުން. އޭނަ ޖެހޭނެ ތައުބާވާން. އެވަރުގެ ގޮތެއް ފޮތެއް ނެތް ދަންނަބޭކަލުންގެ ވާހަކަ މިދައްކަނީ. އެމީހުން އަމިއްލައަށް މުރުތައްދުވެފައި ތިބި ބައެއް އެއީ." ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވިއެވެ.
މޫސަގެ މިވާހަކަ އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ އިލްމުވެރިންނަށް ނިސްބަތްކޮށް، އެއީ 'މުރުތައްދު ވެފައިވާ ބައެއް' ކަމަށް މޫސަ ވިދާޅުވެފައިވާ މައްސަލައަކީ ވަރަށް ނުރައްކާތެރި ހައްސާސީ މައްސަލައެއް ކަމަށެވެ. އަދި ރީކޯގެ ވާހަކައަކީ ރާއްޖޭގައި އިސްލާމް ދީނާއި، ދިވެހީންގެ ދީނީ ވަޙްދަތު ނެގަހެއްޓުމުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި ކޮށްފައިވާ ނޭންގާނީ ދަށު ދަރަޖައިގެ އަދި އެއްވެސް ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެކަމަކީ ޑރ. އަފްރާޝީމް އަލީއެކޭ އެއްފަދައިން މިހާރު ތިއްބެވި ދަންނަބޭކަލުންގެ ފުރާނަ ވެސް ނުރައްކަލަށް ހުށަހެޅިގެން ގޮސްދާނެ ދޮރެކެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމާއި، މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް 'ތަކްފީރު ކުރުމުގެ' ފިކުރު ފެތުރުމުގެ ކުށަކަށް މޫސަ އަރައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
"އަދި އޭނާ އެވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ގޮތަށް ވާހަކަ ދައްކާފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފްރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނާ ވެސް ރީކޯ ޚިލާފުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެކަންކަމުގެ ސަބަބުން މޫސަ އާއި، އޭނާގެ ވާހަކަ ލައިވްކޮށް ބްރޮޑްކާސްޓްކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަހުގީގު ހިންގައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެދި އެ މައްސަލަ ވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފުލުހަށް ހުށަހަޅައިފައެވެ.
އިލްމުވެރިންގެ ގުޅުމުން މި މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމާއެކު މޫސަ ވަނީ އެކަމާ ގުޅޭގޮތުން އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ.
"ފުލުހަށް ހާޒިރުކޮށް ހައްޔަރުކޮށް އަނިޔާކޮށް ބިރުދެއްކުމުގެ ކުރިން ފަތުވާ ކޮމެޓީން ވިސްނާލައްވާ އެމްޑީޕީގައި ތިބީ ލާދީނީ ކާފަރުންކަމަށް ބުނުމުގެ ހައްގު އެއްވެސް މީހަކަށް އެބައޮތްތޯ؟ އެއަށް ޖަވާބެއް ދެއްވުމަށް ފަތުވާކޮމެޓީ ތައްޔާރަށް އޮތިއްޔާ ފުލުހުން ހާމަކޮށް ތަހުގީގު ކުރައްވާ" ޕޮލިސް ޓެގް ކުރައްވައި މޫސަ ކުރެއްވި ޕޯސްޓްގައި ވެއެވެ.




