
އެމްޑީޕީ (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި، އެމްޑީޕީގެ ވާދަވެރިންގެ ގޮތުގައި މިއަދު ތިބީ އެއްވެސް ކަހަލަ ތާރީހެއް، ފަލްސަފާ އެއް ނެތް ބައެއް ކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވީ، ޕީޕީއެމް ނުވަތަ ޕީއެންސީގެ ފިކުރަކީ ކައިރި ކަރީގައި ބަދަލުވަމުންދާ ކަންކަން ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ކަންކަން ބައްޓަން ކުރެވެނީ އެންމެ އާދައިގެ ރައްޔިތު މީހާ ދައްކާ ވާހަކައިގެ މައްޗަށް ކަމަށް ވާއިރު، އެމްޑީޕީގައި އެންމެ ބާރުގަދައީ އާދައިގެ މެންބަރުން ކަމަށާ، ލީޑަރުންނާއި ސިޔާސަތުތައް އަންނަނީ އެ އާއްމުންގެ ތެރެއިން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވާދަވެރިން އެއް ދުވަހު ގަދަ ނޫކުލައިގަ. އަނެއް ދުވަހު ގަދަ ފިޔާތޮށިކުލައިގައި، އަނެއް ދުވަހު (އެހެންކުލައަކަށް) ބަދަލުވެދާނެ." މާރިޔާ ވިދާޅުވިއެވެ.
ފުނިފުންޏަށް ސިޔާސީ މަގާމުތައް ދިނުން ފިޔަވައި އެހެން ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތަކާ ހިސާބަށް އެންމެ ކަމެއް ވެސް ފޯރުކޮށް ނުދެވޭ ކަމަށެވެ.
"ކިތައް ކޮމިޓީ ހަދައިފިތޯ ބޯހިޔާވަހިކަމަށް. އަބަދުވެސް ދިރާސާއެއްގެ ތެރޭގައި އުޅެ ރައްޔިތަކާ ހިސާބަށް އެންމެ ކަމެއް ވެސް ފޯރުނުކޮށްދެވޭ. ފުނިފުންޏަށް ސިޔާސީ މަގާމުތައް ދިނުން ފިޔަވައި އެހެން ކަމެއް ނުކުރޭ." މާރިޔާ ވިދާޅުވިއެވެ.
ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެ ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، ރާއްޖެއާއެކު ކުރިން ހުރި އެއްބަސްވުންތައް އާކޮށް، އިންޑިއާ ސިފައިން ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމަށް އަދިވެސް ތިބިކަން ހާމަވާކަމަށް ވިދާޅުވެ މާރިޔާ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އެ މީހުން ބޭރުކުރުމަށް ގޮވާލާ މި ސަރުކާރުގެ އިސްވެރިން 'އިންޑިއާ އައުޓް' ކެމްޕެއިނެއް ޖެއްސި ނަމަވެސް އެއީ ވެސް އާއްމުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމުގެ އަމަލެއް ކަން މިހާރު ރައްޔިތުންނަށް ވަރަށް ސާފުކަމަށެވެ.




