
ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުންނަނީ ވަރަށް އުންމީދާއެކު ކަމަށާ، އެހެންކަމުން މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 168 ބިލިއަން ރުފިޔާއަށް އަރާނެ ކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށާ، ދައުލަތުގެ މުޅި ދަރަނީގެ 28 އިންސައްތައަކީ މި ސަރުކާރުން އުފެއްދި ދަރަނި ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ ހަ ސަރުކާރުގައިވެސް ނުއުފައްދާ ވަރުގެ ބޮޑު ދަރަންޏެއް ކަމަށް ވެސް ޣަފޫރު ފާހަގަކުރެއްވިއެވެ.
އަދި އެމްޑީޕީގެ ސަރުކާރުގައި ދަރަނި ބޮޑުވި ސަބަބާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، އެއީ ކޮވިޑް-19 ގެ ދަތި ހާލަތުގައި އާމްދަނީ ނުލިބި ހަރަދުކުރަން ޖެހުމުން ދިމާވި ހަގީގީ ހާލަތެއް ކަމަށާ، އެ ދުވަހު ދަރަންޏަށް ފައިސާ ހޯދައިގެން ނަމަވެސް ދިވެހި ރައްޔިތުން އުފަލާއި އަރާމުގައި ބޭތިއްބުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.
މި ސަރުކާރުން ބަޖެޓުން ކުރަމުންދާ އިސްރާފަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، އެމެރިކާ ފަދަ ބޮޑު ގައުމެއްގެ ސަރުކާރުގައި 4،000 ސިޔާސީ ބޭފުޅުން ތިއްބެވިއިރު، ރައީސް މުއިއްޒުގެ މި ސަރުކާރުގައި 4،100 ސިޔާސީ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.
ޣަފޫރު ވިދާޅުވީ ގޮތުން ސިޔާސީ މުވައްޒަފުންގެ މަހު މުސާރަ އަށް މަހަކު 160 މިލިއަން ހޭދަކުރާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާ ކަމަށެވެ.
ސަރުކާރުގެ އިސްރާފު އިންތިހާއަށް ގެންދިޔުމަށް ފަހު، ރައްޔިތުންގެ ކައިރިއަށް ގޮސް ދެ އިންތިހާބު އެއްކޮށްލަނީ ދައުލަތުގެ ހަރަދު ކުޑަކުރާށޭ ވިދާޅުވަނީ މި ސަރުކާރުގެ ލަދެއް ނެތުމުން ކަމަށް ވިދާޅުވެ ޣަފޫރު ވިދާޅުވީ، ދެ އިންތިހާބުގެ ވާހަކައަށް ފަހު ދެން ދައްކާނީ 10 އަހަރަށް ދައުރު ދައްމާލާ ވާހަކަ ކަމަށެވެ. އެހެންކަމުން މިކަމަށް ރައްޔިތުން ނޫނެކޭ ބުނަން އެބަޖެހޭކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފުރަތަމަ ފަހަރަށް އަލުން ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ދެ ބޭފުޅުން ވެސް ވަނީ މާޒީގައި ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.




