ޒަކާތް ނެގުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 4.8 އިންސައްތަ މައްޗަށް
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 97 މިލިއަން ރުފިޔާ ފާއިތުވި 5 އަހަރު ހޭދަކޮށްފައިވޭ
މަރްޔަމް މުޙައްމަދު 10 ޖެނުއަރީ 2026 (ހޮނިހިރު)   15:21
ފާއިތުވި 2025 ވަނަ އަހަރު 107 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާކަމަށާ، މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު، 4.81 އިންސައްތައިގެ ކުރިއެރުމެއް ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މީރާ (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި އަހަރުގެ ތަފާސްހިސާބުތައް މީރާ އިން ނެރެފައިވާއިރު، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 107،205،043 ރުފިޔާ ލިބިފައިވަކަން ބަޔާންކޮށްފައި ވެއެވެ. އަދި 2024 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 102،281،507 ރުފިޔާ ކަމަށާ، އެހެންކަމުން 2025 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ 4.81 އިންސައްތަ އިތުރުވުމެއްކަން އެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ރަމަޟާން މަހުގެ ތެރޭގައެވެ. އެއީ މާރިޗު މަސްކަމަށްވާއިރު، އެމަހު ޒަކާތުގެ ގޮތުގައި 23,593,141 ރުފިޔާ ލިބިފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި، ޒަކާތު ފަންޑުން ފާއިތުވި 5 އަހަރު ބޭސްފަރުވާއަށް 97 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ބޭސްފަރުވާއަށް ކުރެވުނު ހޭދަ އަހަރަކު 3 އިންސައްތައިން އަންނަނީ އިތުރުވަމުންނެވެ.

މި މުއްދަތުގެ ތެރޭގައި ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކެންސަރު ބަލީގެ މީހުންނަށް 3.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ގުނަވަން ބަދަލުކުރުމުގެ (ޓްރާންސްޕްލާންޓް) އޮޕަރޭޝަންތަކަށް 2.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެއިތުރުން ސިކުނޑީގެ އޮޕަރޭޝަންތަކަށް 1.2 މިލިއަން ރުފިޔާ، ހިތުގެ އޮޕަރޭޝަންތަކަށް ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާ އަދި ކިޑްނީގެ ބަލިތަކަށް ފަސް ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކޮމެންޓް