
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ލިބުނު 1.06 ބިލިޔަން ޑޮލަރާ އަޅާބަލާއިރު، މިދިޔަ އަހަރު މީރާއަށް ލިބުނު ޑޮލަރުގެ އާމްދަނީ ވަނީ 1.47 ބިލިޔަނަށް އަރާފައެވެ.
މި ބޮޑު އިތުރުވުން އިތުރުވެފައިވަނީ ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން، ގްރީން ޓެކްސް، ޓީޖީއެސްޓީ، ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރުމުންނެވެ.
އެގޮތުން 2025 ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކޮށް އަދި 3 ޑޮލަރުން ނަގަމުން އައި ފަރާތްތަކުގެ އަތުން 6 ޑޮލަރުން ނަގަން ފެށުމާއެކު މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ވަނީ، 2.25 ބިލިޔަން ރުފިޔާ ލިބިފައެވެ. 2024 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ، 1.08 ރުފިޔާއެވެ. އެހެންކަމުން މިއީ %108 އިތުރު އަދަދެކެވެ.
މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 123 މިލިޔަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 124 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.
ޓޫރިސްޓުންގެ އަތުން ނަގަމުން އައި ގްރީން ޓެކްސްގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އައި ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ.
ގްރީން ޓެކްސް، ޓީޖީއެސްޓީ، ޑިޕާޗާ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރީ ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އެތައް ގުނައަކުން ބޮޑުވެ، ދައުލަތުގެ ދަރަނި އަދާކުރުމަށް ޑޮލަރު ބޭނުންވާ މިންވަރު އިތުރުވުމުންނެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރު އިތުރުވި ނަމަވެސް، ވިޔަފާރީގެ ބޭނުންތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކު ރޭޓުގައި އެކަށީގެންވާ މިންވަރަށް ޑޮލަރެއް ނުލިބެއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު 20 ރުފިޔާއިން މަތީގައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ.




