މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ.--
ފާއިތުވި މަހު މީރާއަށް 2.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް
މަރްޔަމް މުޙައްމަދު 11 ޑިސެމްބަރ 2025 (ބުރާސްފަތި)   08:18
ފާއިތުވި ނޮވެމްބަރު މަހު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.20 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މީރާ އިން ރޭ އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި އާމްދަނީގެ ގޮތުގައި ލިބުނު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 16.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މި އަހަރުގެ ނޮވެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެވެސް 6.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މި އަހަރު އެ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.

މިއީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ  އަޅާބަލާއިރު، މި އަހަރުގެ އޮކްޓޯބަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %10.3އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއް ކަމަށްވެސް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެންވެސް އާމްދަނީ އިތުރުވެފައިވެ އެވެ.

ނޮވެމްބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އެވެ. އެއީ 57.9 މިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 12.4 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 11.4 މިލިޔަން ރުފިޔާ ޑިޕާޗާ ޓެކުހުގެ ގޮތުގައި 10.7 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 4.5 މިލިޔަން ރުފިޔާ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 2.9 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓް