
އެމްއެންޑީއެފް އިން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ދޯނިން ޖުމްލަ ހަތަރު މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ދޯނިން ގެއްލިގެން ހޯދަމުން ދަނީ ދިވެއްސަކާއި ބިދޭސީ އެކެވެ. އެ މީހުން ހޯދަން އެމްއެންޑީއެފްގެ ޑައިވަރުންގެ އިތުރުން އެ ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މުދާ އުފުލާ އެ ދޯނި ބަންޑުން ޖަހާލި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އޭގެއިތުރުން އެ ދޯނީގައި ހުރީ ކޮން ކަހަލަ މުދަލެއްކަން ވެސް މިހާތަނަށް ސާފެއް ނުވެ އެވެ. އެހެންނަމަވެސް އެ އުޅަނދުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ބަންޑުން ޖަހާލި ދޯނިން އޮޔާދާ ތަކެތި އޮޔާދާ ކަމަށް ލަފަކުރެވެނީ ހުޅަނގަށެވެ.




