ލޯންޗް ބަންޑުން ޖަހާލުމުން ކަނޑުވެފައި ތިބި މީހުން ސަލާމަތްކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުންޖަހާލައިފި
މަރްޔަމް މުޙައްމަދު 5 ފެބްރުއަރީ 2026 (ބުރާސްފަތި)   11:46
ޓޫރިސްޓުން ގޮވައިގެން ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުންޖަހާލައިފި އެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު އެ ހާދިސާ ހިނގުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީ، ކަނޑުވެފައި ތިބި މީހުން ސަލާމަތް ކޮށްފައެވެ.

ބަންޑުން ޖަހާލާފައިވަނީ "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ ލޯންޗެކެވެ. އެ ލޯންޗުގައި ދަތުރުކުރަމުންދިޔަ 9 ޓޫރިސްޓުންނާއި، 2 ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.

އޭގެފަހުން އެތަނަށް ދިޔަ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 9:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްފައެވެ.

މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް