މުދާ އުފުލާ ދޯނި ބަންޑުން ޖަހާލާފައި.-- ފޮޓޯ: އެމްއެންޑީއެފް
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
18 ޖެނުއަރީ 2026 (އާދީއްތަ)   11:36
ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރަނިކޮށް މިއަދު ހެދުނު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިން ބަންޑުން ޖަހާލި މުދާ އުފުލާ ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހާދިސާގެ އަޕްޑޭޓެއްގެ ގޮތުގައި ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. 

މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ ބ.ހިތާދޫ، މުނިޔާ، އަލީ ހުސައިން 60އ އެވެ. އަލީ ހުސައިންގެ ހަށިގަނޑު މިއަދު ފެނުނީ ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިންނެވެ. އޭނާއަކީ އެ ދޯނީގައި މަސައްކަތް ކުރާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ މީހެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ ހާދިސާގައި ދެން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނެއެވެ.

މިއަދު ހެދުނު އެމްއެންޑީއެފުން ބުނީ "ބަލްމާ-6" ނަމަކަށް ކިޔާ އެ ދޯނިން ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ދޯނިން ޖުމްލަ ހަތަރު މީހުން ދަތުރުކުރިއިރު، އޭގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މުދާ އުފުލާ އެ ދޯނި ބަންޑުން ޖަހާލި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އޭގެއިތުރުން އެ ދޯނީގައި ހުރީ ކޮން ކަހަލަ މުދަލެއްކަން ވެސް މިހާތަނަށް ސާފެއް ނުވެ އެވެ. އެހެންނަމަވެސް އެ އުޅަނދުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ. 

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ބަންޑުން ޖަހާލި ދޯނިން އޮޔާދާ ތަކެތި އޮޔާދާ ކަމަށް ލަފަކުރެވެނީ ހުޅަނގަށެވެ. 

ކޮމެންޓް
ރަހުމަތް ލައްވާށި
4 weeks ago
إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ