ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގި ސަރަހައްދު - ފޮޓޯ: އީޓީ
އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ ސީސަންގެ، ބ.އޭދަފުށި
މަރްޔަމް މުޙައްމަދު 30 ޖެނުއަރީ 2026 (ހުކުރު)   15:48
ބ. އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ އުމުރުން ދުވަސްވީ މީހަކު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އޭދަފުށީ ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުﷲ އެވެ. އޭނާގެ ކަށު ނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އަބޫބަކުރު މަޣްރިބު ނަމާދު ނިންމުމަށްފަހު އަސާގަނޑެއްގެ އެހީގައި ހިނގާފައި ގެއަށް ދަނިކޮށް، މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕަކުން ޖެހިގެން ކަމަށާ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕިކަޕު ދުއްވަން އިން މީހާ ބަލަންޖެހޭ ވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ކަމަށް އެރަށުން ފިޔެސް އަށް މައުލޫމާތު ދިންމީހާ ބުންޏެވެ.

އެވަގުތު ޕިކަޕު ދުއްވަން އިން މީހާއަކީ، ގަވާއިދާ ހިލާފަށް ޕިކަޕު ދުއްވައިގެން މީގެ ކުރިން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށާ، ޕިކަޕުން ޖެހުމާއެކު އަބޫބަކުރު ބިންމައްޗަށް ވެއްޓި، ޕިކަޕުގެ ދަށުވުމުން، އެ ސަރަހައްދުގައި ތިބި އާންމުން އޭނާ ސަލާމަތް ކުރީ ޕިކަޕު ފަހަތަށް ކޮށްޕައިގެން ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ކޔައިދިނެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އަބޫބަކުރު ސަލާމަތްކުރި އިރު އޭނާގެ އެއްފައި އޮތީ ވަރަށް ބޮޑަށް ފަޅައިގެންގޮސް، މުޅި ސަރަހައްދަށް ލޭ ފައިބާފައި ކަމަށާ، އެކްސިޑެންޓަށްފަހު ވަގުތުން ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ސީރިއަސްވުމުގެ ސަބަބުން ޖެހިގެން އައި ދުވަހު ވަނީ އެމެޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ޕިކަޕު ދުއްވަން އިން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާ، ފުލުހުން ގެންދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް