
ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައި ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށި/ސިލްވަރސްޓަރ، އަލީ ޙަސަން (44އ) އާއި ހދ.ކުޅުދުއްފުށި/ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނިގޮތުގައި އެ ދެމީހުން ހައްޔަރުކުރީ އެ ކުއްޖާ ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.
މީގެ ތެރެއިން އަލީ ޙަސަން (44އ) ހައްޔަރުކޮށްފައިވަނީ 2025 ޑިސެމްބަރު 24 ވަނަ ކަމަށާ، މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 މާރިޗު 1 ވަނަ ދުވަހަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި، މުޙައްމަދު އިޙްސާން (21އ) ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 3 ވަނަ ދުވަހު އެވެ. މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 މާރިޗު 6 ވަނަ ދުވަހަށެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ދެއެވެ.




