
މި މައްސަލަ ހުށަހެޅި ކަމާއި ބަލަމުންދާކަން ފުލުހުން ފުރަތަމަ ހާމަކޮށްފައެއް ނުވެއެވެ. އެންމެ ފުރަތަމަ މި މައްސަލަ އާންމުންނަށް ހާމަވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން އިއުލާންކުރުމުންނެވެ. މިކަމާމެދު ސުވާލު އުފެއްދުމުން އޭގެ ކުޑަ ތަފުސީލެއް ފުލުހުން ދިނެވެ.
ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލަން އިއުލާންކުރީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާގެ މަތިން ކަމަށް މިމަހުގެ 10 ވަނަ ދުވަހު ހާމަކުރިއެވެ. އެދުވަހު އިތުރަށް ފުލުހުން ހާމަކުރި ގޮތުގައި މި ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ އެޔަށް ހިޔާނާތްތެރިވެ އެހެން ތަނަކަށް ގެންގޮސް ފޮރުވާފައިވާ ކަމަށް ބުނެ ޑިސެމްބަރު 31 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެއީ ދެ މިލިޔަން ރުފިޔާގެ އަގުހުރި ތަކެތި ކަމަށްވެސް އެދުވަހު ފުލުހުން ބުންޏެވެ.
މައްސަލައަށް މަހަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެކަމުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ބައިވެރިވުން އޮތްކަމަކަށް ފުލުހުން ނުބުނެއެވެ.
އެހެންނަމަވެސް، ފުލުހުން މީޑިއާއަށް ރޭ ހާމަކުރި މައުލޫމާތުގައި ބުނީ ހުއިފިލަނޑާތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައްސަލައަށް މަސްދުވަސް ފަހުން ފުލުހުން މި މައުލޫމާތު ހާމަ މިކުރީ މި މައްސަލައާ ގުޅިގެން ވަރަށް ތަފުސީލު ރިޕޯޓެއް ރާއްޖެ އެމްވީ އިން ގެނެސްދީފައި ވަނިކޮށެވެ.
ރާއްޖެ އެމްވީގެ ރިޕޯޓް:




