ކުރިމަތީގައި އޮތީ ވަރަށް ނުރައްކާތެރި ސުވާލެއް
މިއަހަރު އެއަހަނީ ކުރުކޮށްލަން. މިއަންނަ އަހަރު އަންނާނީ ދިގުކޮށްލަން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިހައަހަރަށް ޖައްސާލަން: ޝާހިދު
ފިޔެސް 12 ފެބްރުއަރީ 2026 (ބުރާސްފަތި)   23:54
ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތީ ވަރަށް "ނުރައްކާތެރި" ސުވާލެއް ކަމަށާ، ކުރުކޮށްލާ ކޮންމެ އެއްޗެއް ދިގުކޮށްލަންވެސް އަހާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް މިރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު އިޝާރާތް ކުރެއްވީ ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށެވެ.

ސަރުކާރަށް ފާޑުވިދާޅުވެ، ޝާހިދު ވިދާޅުވީ، ކޮންމެ ނަމެއްގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ސަރުކާރުން ހުށަހެޅިކަމުގައިވިޔަސް، އަޑީގައި އޮތީ މަކަރާއި ހީލަތާއި އޮޅުވާލުމާއި ދޮގު ކަމަށެވެ.

މިހާރު އޮންނަ ގޮތުންނަމަ ސަރުކާރު ހިނގާ ގޮތާ ދޭތެރޭ ބަސްބުނަން ދެފުރުސަތު ލިބޭ ކަމަށާ އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ ގޮތުން އެ ފުރުސަތު ރައްޔިތުންނަށް ގެއްލޭކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"މިހާރު ހުށަހެޅިފައިވާ ގޮތުންނަމަ ފެންނަ ނުފެންނަ ވޯޓުގައި މި ބޭފުޅުން މި ގެންދަވަނީ މި ދެ އިންތިޚާބު އެއްކޮށްލައި، ނަމުގައި ޚަރަދު ކުޑަކުރަން، ވިހި މިލިއަން ރުފިޔާ ކުޑަކުރަން، ވިހި މިލިއަން ރުފިޔާ ކުޑަކުރަން ބޭނުންނަމަ 30 ސިޔާސީ ވަޒީފާ ކަނޑާލީމާ އެކަން ނިމުނީ. އެހެން ހައްދަވާކަށްނޫން މި ބޭފުޅުން ބޭނުންވަނީ، ފަންސާސް ޕަސެންޓު ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބަސް ބުނުމުގެ އަނގަމަތީގައި މަލަންގަނޑެއް އަޅުވަން، އެ ފުރުސަތު ނުދެއްވާތި،" ޝާހިދު ވިދާޅުވިއެވެ.


"ކަންކުރަން ގަސްދުކުރައްވާފަ އޮތް ގޮތަކީ ފުރަތަމަ ވަކަރަށް ޖަހާލަނީ، ވަކަރަށް ޖަހާލާއިރު މި ކުރައްވަން ބޭނުންފުޅުވާ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މުއްދަތު ކުރުކޮށްލަނީ ނޫންހޭ، ހިތްޕުޅަށް ގެންނަވާ، ކުރުކޮށްލާ ކޮންމެ އެއްޗެއް ދިގުކޮށްލަންވެސް އަހާނެ، މިއަހަރު އެ އަހަނީ ކުރުކޮށްލަން، މި އަންނަ އަހަރު އަންނާނީ ދިގުކޮށްލަން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިހަ އަހަރަށް ޖައްސާލަން." - ޢަބްދުالله ޝާހިދު


އޭރުން ރިޔާސީ އިންތިހާބެއް ނޯންނާނެ ކަމަށާ، ހަމައެކަނި ނަގާނީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަން ފެނޭތޯ ނުފެނޭތޯ ނަގާ ވޯޓު ކަމަށް ވިދާޅުވެ، ރައްޔިތުން އެފަދަ ފުރުސަތެއް ނުދޭން ޝާހިދު އެދިވަޑައިގަތެވެ.

މި ސަރުކާރަކުގެ ބާކީ އޮތީ ދެ އަހަރުކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ މިހާރު އޮތީ ވަގުތީ ސަރުކާރެއް ކަމަށާއި ހުންނެވީ ވަގުތީ ރައީސެއް ކަމަށެވެ. ދެ އަހަރުގެ ވަގުތީ ސަރުކާރަކަށް، އަދި ވަގުތީ ރައީސަށް ވޯޓުދޭންވީ ސަބަބެއް ނެތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް