
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި "ކަނާއަތުންނާއި ވައަތުން" ކުރަނީ ވައްކަން ކަމަށެވެ. އަދި ދައުލަތުން 176 ބިލިޔަން ރުފިޔާ ކައި ހުސްކޮށްލިއިރު، ރައްޔިތަކަށް ވީ އެއްވެސް ކަމެއް ނެތްއިރު، 400 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދޭ ސަރުކާރަކަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި މިއީ ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރަން މިއުޅެނީ ކޮން ކަމެއްތޯ. މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" ޣަފޫރު ވިދާޅުވި އެވެ.
މި ސަރުކާރަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަރ މެޖޯރިޓީ ދިނުމުން ލާމަރުކަޒީ އުސޫލުގެ ގާނޫނު ފުނޑާލީ ކަމަށާއި އަދި މި ސަރުކާރަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ކުރިއަށް އޮތްތަނުގައި އިންތިހާބެއްގައި ލާ ވޯޓެއްގެ ފާހަގަވެސް ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެހިސާބުން މި ގައުމުގައި ވޯޓުލުމުގެ ހައްގުވެސް ގެއްލޭނެ ކަމަށާއި އެކަން އެގޮތަށް ވާން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.




