ފާއިތުވި ރޯދަމަހު، އިސްލާމީ މަރުކަޒު ސަރަހައްދުން.-- ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ) | ފިޔެސް
ރޯދަމަހުގެ ފަހު 10ގައި ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ހުތުބާގައި ގޮވާލައިފި
ފިޔެސް 6 މާރޗް 2026 (ހުކުރު)   14:36
ރޯދަ މަހުގެ ފަހު 10 ގައި ހެޔޮ އަމަލުތަކާމެދު ވިސްނައި އިތުރަށް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފި އެވެ.

ރަމަޟާންމަހުގެ ތިންވަނަ ހުކުރު، މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ރަމަޟާންމަހުގެ ފަހު ދިހަ" އެވެ.

ހުތުބާގައި ބަޔާންކޮށްފައިވަނީ ރަހުމަތުގެ މައްސަރު ކަމަށްވާ ރޯދަ މަސް ވަކިވުމުގެ ވަގުތު ކުޑަތަންވެފައިވާ ކަމަށާ، ކުރެވުނު ހެޔޮ އަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބެލުމަށެވެ. މި ބަރަކާތްތެރި މައްސަރުގެ ފަހު ދިހައިގެ ދުވަސްތައް ބައްދަލުކުރާކަން ފާހަގަކުރަމުން ހުތުބާގައި ބަޔާންކޮށްފައިވަނީ، މި އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް މާތް ﷲ ހާއްސަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަސް ކަމަށާއި އެންމެ ހެޔޮ ރޭތަކަކީ ރޯދަ މަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވި ކަމަށް ހުތުބާގައި ވެއެވެ. އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްގަދުރި ވިލޭރޭ ލެއްވި ކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ވަނީ އެކަލޭގެފާނުގެ އަމަލުފުޅުން އެ ކަން އުންމަތަށް ދައްކަވައިދެއްވާފައި. ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި މާތް ﷲ ގެ ރަހުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެއް. ވީއިރު އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެއް." ހުތުބާގައި ވެއެވެ.

ރޯދަ މަހަކީ ދީލަތިކަމުގެ މައްސަރެއް ކަމަށާއި ހޭދަކުރުމުގެ މައްސަރު ކަމަށް ހުތުބާގައި ވެއެވެ. ވީއިރު ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ސަދަގާތްކުރުން ގިނަކުރުމަށް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ.

ރޯދަމަހަކީ ދީލަތިކަމުގެ މައްސަރުކަމާއި ހޭދަކުރުމުގެ މައްސަރުކަން ފާހަގަކޮށް ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ސަދަގާތްކުރުން ގިނަ ކުރުމަށްވެސް ހުތުބާގައި ގޮވާލާފައި ވެއެވެ. އަދި މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ފިތުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވުމަށްވެސް ހުތުބާގައި ގޮވާލާފައި ވެއެވެ.

ކޮމެންޓް