
މިއަދުގެ ހުތުބާގައި ވިދާޅުވީ، މާތް ﷲ އަށް އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫންކަމަށާ، މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާނެ ކަން ފާހަގަކޮށް ހުތުބާގައި ވިދާޅުވީ، ރަމަޟާންމަހަކީ އެ ފަދަ މޫސުމެއް ކަމަށް ވުމުން މި މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެބަޖެހޭކަމަށެވެ.
ހެޔޮ އަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެއް ކަމަށްވުމުން ރަމަޟާންމަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް، ހެޔޮ އަމަލުކުރުމަކަށް ނިމުމެއް ނުގެނެސް ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަށް ގޮވާލާ ހުތުބާގައި ވިދާޅުވީ، ހެޔޮ އަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ އަމަލު ގަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި މާތް ﷲ އަށް ދުއާދެންނެވުންކަމަށެވެ.
އަދި ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރުމަށް ގޮވާލާ ހުތުބާގައި ވިދާޅުވީ، ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނާ ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމެހެއްޓުމަށާ، ހެޔޮ އަމަލުކުރުމުގައި ހީވާގިވެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި "ދާއިމީގޮތަކަށް އެ އަމަލުތައް ކުރުން" މުހިންމު ކަމަށެވެ.




