ސަނީ އުމަރު ފުލުހުންގެ ވެހިކަލަކަށް އަރުވާފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާ އުފުލައިފި
ބެލެވޭ ގޮތުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ވެސް އޭނާއަށް އަތުވެދާނެ
މަރިޔަމް މުޙައްމަދު 16 މާރޗް 2026 (ހޯމަ)   19:49
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ކަމަށް ޕީޖީ (ޕްރޮސެކިއުޓަރ ޖެނެރަލް) ގެ އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ބުނީ އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރެއިން ތިން ދައުވާ އަކީ ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުން އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.

އޭނާގެ މައްޗަށް، ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގާ ގަސްދުގައި އަތްލުމުގެ ކުށުގެ ތިން ދައުވާއެއް އުފުލާފައި ވާއިރު، އެ ދައުވާތައް އުފުލީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ އާއި ކުޑަ ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

މި ތިން ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއަކާއި ގުޅިގެން 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރާނެ އެވެ.

އަދި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އސދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައި ވާއިރު، އެ ދައުވާ އުފުލީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ ކަމަށް ޕީޖީން ބުނެއެވެ.

އަދި މި ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށް ބުނެ، ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ވެސް މިކަމާގުޅިގެން ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

މި ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

ކޮމެންޓް