އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ސްކްރީން ޝޮޓެއް
ހިލޭ އަންހެނަކާއެކު މުއިއްޒު ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތު ހީނާ ދޮގުކޮށްފި
ޖުނާން އަޙުމަދު 29 މާރޗް 2026 (އާދީއްތަ)   11:48
ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި އަންހެން މުވައްޒަފަކާއެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު ރައީސްގެ ތަރުޖަމާނު ހީނާ ވަލީދު ދޮގުކޮށްފި އެވެ.

ރައީސް އޮފީހުގައި މިދިޔަ އަހަރު މަސައްކަތް ކުރި މުވައްޒަފަކާ އެކު ކައިވެނިން ބޭރުން ރައީސް މުއިއްޒު ގުޅުމެއް ހިންގި ކަމަށް ބުނާ އިންޓަވިޔުއަކާ އަދަދު ނޫހުން ރޭ ވަނީ ރިޕޯޓެއް ޝާއިއުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނާގޮތުން، ޕީޕީއެމް އޮފީހުގައި ކުރިން މަސައްކަތްކުރި އައިޝާ (އަސްލު ނަމެއް ނޫން) ނަމަކަށް ކިޔާ އަންހެނަކާ ދެމެދު ހިނގި މި ގުޅުން ފެށިގެން އައީ 23 ޑިސެމްބަރު 2024 ގައެވެ. އެދުވަހު އައިޝާ ރައީސް މުއިއްޒަށް މެސެޖުކުރީ ވަޒީފާއަކަށް އެދިއެވެ. ޖެނުއަރީ 2025 ގައި އޭނާ ސީވީ ފޮނުވުމުން، ރައީސް އޮފީހުގެ އެގްޒެކެޓިވް އެޑްމިނިސްޓްރޭޓިވްގެ ވަޒީފާ ހަމަޖެހުނެވެ.

6 ޖަނައަރީ 2025 ގައި ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ރައީސް މުއިއްޒު އައިޝާގެ އަތުގައި ނުތަނަވަސްވާހާ ގިނަ ވަގުތު ހިފަހައްޓައިގެން ހުންނެވި ކަމަށް ބުނެފައިވެއެވެ. އޭގެ ފަހުން، އޭނާ ދެކެ ލޯބިވާތީ އެހާ ގިނައިރު އަތުގައި ހިފެހެއްޓީ ކަމަށް ވިދާޅުވެ ރައީސް މެސެޖުކުރެއްވި ކަމަށް ވެސް އައިޝާ ބުނެއެވެ.

އަދި، ރައީސް މުއިއްޒު އޭނާ ރައީސްގެ ކޮޓަރިކޮޅަށް ގެންގޮސް ބައްދާލައި، ފަހުން ރައީސް އޮފީހުގެ ސޯފާ މަތީގައާއި އޮފީހުގެ އެކި ތަންތަނުގައި އެތައް ފަހަރަކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށާ، މި ގުޅުން ހަފްތާއަކަށް ދެމިގެންދިޔައިރު، ރައީސް މުއިއްޒު ވަނީ އައިޝާގެ ދެ އަހަރުގެ ދަރިފުޅު ބަލައިދޭނެ ކަމަށާ، އޭނާ ދެވަނަ އަނތްބަކަށް ބަލައިގަންނާނެ ކަމަށް ވެސް ވައުދުވި ކަމަށް އައިޝާ ބުންޏެވެ.

އަދި ފަސްޓް ލޭޑީ ސާޖިދާއަށް އައިޝާ ހެޔޮވާނެތޯ ވެސް ރައީސް ސުވާލުކުރެއްވި ކަމަށްވެއެވެ. “ސިގްނަލް” އެޕް މެދުވެރިކޮށް 6 ޖެނުއަރީން ފެށިގެން 29 އެޕްރީލް 2025 އާ ހަމައަށް ރައީސް މުއިއްޒު އައިޝާއަށް 58 ފަހަރު ގުޅުއްވި ކަމަށް ޑޮކިއުމެންޓްރީގެ ހެކިތަކުން ދައްކައެވެ. މީގެ އިތުރުން ދުވާލު ހަތަރު ދަމު މެސެޖުކޮށް ގުޅައި ހަދާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

ރައީސް އޮފީހުގައި މަސައްކަތްކުރި އެ މުއައްޒަފު ތުހުމަތު ކުރާ ފަދަ ގުޅުމެއް ރައީސް ހިންގެވިތޯ އަދަދު ނޫހުން ނޫހުން އެހުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން މުޅިން ދޮގު ކުރައްވައިފައި ކަމަށް އެ ނޫހުން ބުނެއެވެ.

"ތިޔަ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް،" އަދަދު ނޫހުގެ ނޫސްވެރިޔަކަށް ފޮނުވި މެސެޖެއްގައި ހީނާ ވަލީދު ވިދާޅުވެފައިވާ ކަމަށް އަދަދުން ބުނެއެވެ.

އެ ރިޕޯޓަށް އިތުރަށް ބަލައިލާއިރު، ރައީސް މުއިއްޒު އެ ހިންގެވި ނަހަމަ ގުޅުން ފަސްޓް ލޭޑީ ސާޖިދާއަށް ފަޅާއަރައި، އައިޝާ ވަޒީފާއިން ވަކިކުރުމަށް އެދުމުން، ރައީސް މުއިއްޒު ވަނީ އޭނާ ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް މަގާމަކަށް ބަދަލުކޮށްފައެވެ.

އައިޝާގެ މުސާރައިގެ އިތުރުން، ރައީސް މުއިއްޒު ވަނީ އެއްފަހަރާ 75،000 ރުފިޔާ ދީ، އަދި ކޮންމެ މަހަކު ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ ފިކްސްޑް ބަޖެޓެއްގެ ގޮތުގައި ދޭން ފަށާފައެވެ. މި ފައިސާ އައިޝާއާ ހަވާލުކުރަނީ ރައީސްގެ ޕާސަނަލް ސެކްރެޓަރީ ހައްސާން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ވެސް މިހާތަނަށް ފެންމަތިވި އެންމެ ބޮޑު އެއް ސްކޭންޑަލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، މިއީ ހަމައެކަނި އަހުލާގީ މައްސަލައެއް ނޫން ކަމަށާ، މިއީ އިސްލާމީ ރިވެތި އުސޫލުތަކާ މުޅިން ހިލާފު އަދި ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ބޮޑު ފާފައެއް ކަމަށްވާ ޒިނޭގެ އަމަލުތަކެއް ކަމަށް ވެސް ގިނަ ބަޔަކު މީސްމީޑިއާގައި މިހާރު ބުނަމުން ދެއެވެ.

ދައުލަތުގެ އެންމެ މަތީ އިދާރާގެ ތެރޭގައި ހިންގި ކަމަށް ބުނާ މި ޖިނާއީ އަމަލުތަކަކީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ކުށެއް ކަމަށާ މިކަން އިންސާފުވެރި ކަމާއެކުގައި ބެލެންޖެހޭނެ ކަމަށް ވެސް ގިނަބަޔަކު ބުނެއެވެ.

ކޮމެންޓް