މޫސަލް މުއީން 37 އަހަރު، ގދ. ފިޔޯރީ
ކުޑަކުއްޖަކާއެކީ ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފި
ޖުނާން އަޙުމަދު 26 މާރޗް 2026 (ބުރާސްފަތި)   21:31
ކުއްޖަކަށް ބަރަހަނާ ވީޑިއޯ ދައްކާ ގްރޫމްކޮށް ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މޫސަލް މުއީން 37 އަހަރު، ގދ. ފިޔޯރީ، ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ކުއްޖާ ގްރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާ އެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް މޫސަލްގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށާ، އެ މައްސަލާގައި މޫސަލްގެ، ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޫސަލް އަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ވެސް ޕްރޮޑިއުސް ކުރަމުން އައި ޕްރޮޑިއުސަރެއް ކަމަށް ވާއިރު، މައުލޫމާތު ލިބޭގޮތުގައި، އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 26 ގައެވެ. ހައްޔަރުކުރީ ޝޯއަކަށް ގެންދިޔަ ކުއްޖަކާ އެކަށީގެންނުވާ ވާހަކަ ދައްކައި ގްރޫމްކުރަން އުޅުނު މައްސަލައެއްގައި ކަމަށާ، މީގެ ހަތަރު ވަރަކަށް މަސް ކުރިން އެ މައްސަލަ ފެންމަތިވުމާ އެކު އޭނާ ޓީވީއެމްގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަދި މީގެ އިތުރުން ވެސް، ގިނަ އަދަދެއްގެ ފިރިހެން ކުދިންނާ ޖިންސީ ގުޅުންތައް ހިންގަމުން އޭނާ އައިސްފައިވާ ކަމުގެ ގިނަ ތުހުމަތު ތަކެއް އޭނާގެ މައްޗަށް ކުރެވޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިން އަދި ވެސް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް