
މި ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ، އަންނަމަހުގެ 4 ވަނަ ދުވަހު ނަގާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓާއެކުގައެވެ.
މި ވޯޓު ކަރުދާސްކޮޅުގެ ނަމޫމާ މިއަދު އީސީން އާންމުކޮށްފައި ވާއިރު، އެ ކަރުދާސްކޮޅުގައި ސުވާލަކަށް އޮތީ، ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުން މަޖލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުން މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހުގެ ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔެވެ. މިފަދައިންނެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ ތާއީދެއް ނުކުރެއެވެ. އަދި އެ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއްވެސް މިހާރު ހުށައަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްފީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ނެރަފައި ވާއިރު، އެ ލިސްޓްގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،876 މީހަކަށެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.




