އިންތިހާބެއްގައި އިލެކްޝަންގެ ބޭފުޅުން ހަރަކާތްތެރިވަނީ
ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އަންގާރަދުވަހު ހުޅުވާލަނީ
ޖުނާން އަޙުމަދު 15 މާރޗް 2026 (އާދީއްތަ)   13:36
ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު އަންނަ އަންގާރަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމާގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާނީ 17 މާރިޗު ވާ އަންގާރަ ދުވަހުން ފެށިގެން 19 މާރިޗު ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު ގައި ކަމަށްވާއިރު، އަންނަމަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގައެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުކަން ފާހަގަކޮށްލެވެއެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިޔަށްދާނީ، މި މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ވެއެވެ.

ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު މި އިންތިހާބުގައި ލިބިގެންވާއިރު، އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުން ކަމަށް އީސީން މައުލޫމާތު ދެއެވެ.

އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ވެސް މި އިންތިހާބުގެ ވޯޓާއެކުގައި ނެގުމަށް ހަމަޖެހިފައިވާއިރު އެކަމާ ދެކޮޅަށް ވަރަށްގިނަ ފަރާތްތަކުން އަޑުއުފުލަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް