ރައީސް ނަޝީދު މިއަދު ނ.ޅޮއްސަށް ވަޑައިގެން ވާހަކަ ދައްކަވަނީ - ފޮޓޯ: ފިޔެސް
މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމުގެ ފުރުސަތު، ޤާނޫނު އަސާސީގެ ރޭވުންތައް ދޭންޖެހޭނެ
މިހާރު މި ރާވާ ރޭވުމުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުގެ ފުރުސަތު ޤާނޫނު އަސާސީން އެބަ ހަނިކުރެވޭ
ޖުނާން އަޙުމަދު 19 މާރޗް 2026 (ބުރާސްފަތި)   15:02
ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމުގެ ފުރުސަތު، ޤާނޫނު އަސާސީގެ ރޭވުންތައް ދޭންޖެހޭނެ ކަމަށާ، ނަމަވެސް މިހާރު، މި ރާވާ ރޭވުމުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުގެ ފުރުސަތު ޤާނޫނު އަސާސީން އެބަ ހަނިކުރެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އަންނަމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު، އަދި މައި ދެ އިންތިހާބު އެއްކޮށްލުމާ މެދުގައި ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހިމެނޭ އިންތިހާބުގެ ކެމްޕޭނު ދަތުރުފުޅެއްގައި އެމްޑީޕީގެ ޓީމަކާއެކު ނ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ޅޮހީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ރަށްރަށާ ގުޅުންހުރި މީހަކަށް ވާންޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، އެ މެންބަރު ވާންޖެހޭނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުން ރުހުނީމާ އިންތިހާބުވާ ބޭފުޅަކަށް ކަމަށާ، އޭގެބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އާ އެކުގައި ގޮސް ހޮވޭ ބޭފުޅަކަށް ވީމާ، އެހިސާބުން ރައްޔިތުންނާއި، މަޖިލިސް މެންބަރާ އޮންނަ ގުޅުން އެބަ ކެނޑޭކަމަށެވެ.

"މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމުގެ ފުރުސަތު، ޤާނޫނު އަސާސީގެ ރޭވުންތައް ދޭންޖެހޭނެ، މިހާރު މި ރާވާ ރޭވުމުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުގެ ފުރުސަތު ޤާނޫނު އަސާސީން އެބަ ހަނިކުރެވޭ." - ރައީސް ނަޝީދު

އެހެންކަމުން މައި ދެ އިންތިހާބު އެކުގައި ބާއްވައިފި ނަމަ ރައްޔިތުންނަށް އެ ރައްޔިތުންގެ މެންބަރު ގެއްލޭނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް އެ ރައްޔިތުންގެ މެންބަރު ނުގެއްލޭނެ ހަމައެކަނި ގޮތަކަށް އޮތީ، އެ ދެއިންތިހާބު ވަކިވަކިން ބާއްވައިގެން ކަމަށެވެ.

"އަޅުގަނޑަށް ފާހަގަވާ އަނެއްކަމަކީ، މިރަށަށް އަޅުގަނޑުވެސް މިހުރީ އައިސް، ޅޮއްސަށް، އެއީ އިންތިހާބެއް އޮތީމާ، ފަސްއަހަރުން ހުރިހާ އިންތިހާބެއް އެއްކުރާނަމަ އަޅުގަނޑަށް ޅޮއްސަށް އާދެވޭނީ ފަސްއަހަރުން އެއް އަހަރު ކަންނޭނގެ. މިހާރުވެއްޖިއްޔާ އެބަ އަންނަންޖެހޭ ތިންފަހަރު އެންމެ މަދުވެގެން." - ރައީސް ނަޝީދު

ސިޔާސީ ވެރިން ރައްޔިތުންނާ ގާތުގައި ބޭއްތިއްބުމަށް، އަބަދު އަބަދުމެ ރައްޔިތުންނާ ވާހަކަދައްކާ ހެދުމަށް އިންތިހާބު ގިނަގިނައިން އެބަ އޮންނަންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ވެރިންނާ ބައްދަލުވާނީ އޭރުން ކަމަށާ، އޭގެ ބަދަލުގައި ޑިމޮކްރަސީގެ އަގު ހެޔޮކުރަން އުޅެއްޖެ ނަމަ، އެއީ އަމިއްލަ ތަނަވަސްކަމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ.

ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބުކަމުގައިވާ، ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދުގައި ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި، ނަގާ ފެންނަ ނުފެންނަ ވޯޓުގައި، ބޭނުންކުރާ ކަރުދާސްކޮޅުގެ ނަމޫމާ އިއްޔެ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައި ވާއިރު، އެ ކަރުދާސްކޮޅުގައި ސުވާލަކަށް އޮތީ، ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުން މަޖލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުން މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހުގެ ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔެވެ. މިފަދައިންނެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ ތާއީދެއް ނުކުރެއެވެ. އަދި އެ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއްވެސް މިހާރު ހުށައަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްފީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ނެރަފައި ވާއިރު، އެ ލިސްޓްގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،876 މީހަކަށެވެ. އެއީ 144،506 އަންހެނުންނާއި 15,0،370 ފިރިހެނުންނެވެ.

ކޮމެންޓް