ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނާއި ޕީޖީން ތުހުމަތުކުރި ދެމީހުން.--
ޕީޖީ އޮފީހުން އެދިގެން ފުވައްމުލަކު ޑްރަގް ނެޓްވޯކުގެ ބޮޑުން ދޫކޮށްލައިފި
ހަސަން އިބްރާހީމް 26 މާރޗް 2026 (ބުރާސްފަތި)   20:54
ޏ.ފުވައްމުލަކުގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ކައުންސިލް އިންތިހާބާ ދިމާކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންގުމަށް ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު 34، އާއި ފުވައްމުލައް ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް 29، އެވެ. ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ނިއުޝާދުގެ ބޭންކް އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކައުންސިލް އިންތިހާބު ބާއްވަން އަށް ދުވަހަށް ވެފައިވާއިރު، ޕީޖީ އޮފީހުގެ އެންގުމަށް އެ މީހުން ބަންދުން ދޫކޮށްލުމަށްފަހު އެކަން ވަނީ ސިއްރުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ބައެއް މީޑިއާ ތަކުން ސުވާލުކުރުމުން ވެސް ޕީޖީ އޮފީހުން ޖަވާބު ދީފައެއް ނުވެއެވެ.

ކުށްކުރާ ޖަމާއަތެއްގައި ބައިވެރިކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެ ދެމީހުންގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ ދެ މީހުންނަކީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސް ދެ ވެރިން ކަމަށް ފުލުހުންނާ ހަވާލާދީ ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފައެވެ.

އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ހުށަހެޅި ދައުވާގައި އެ ދެމީހުންގެ މިލްކިއްޔާތުގައި ހުރި ގިނަ ތަކެތި ދައުލަތަށް ނަގައިދިނުމަށް އެދިފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ؛

  • އިސްލާމިކް ބޭންކުގައި ބަހައްޓާފައިވާ 1.1 މިލިއަން ރުފިޔާ
  • ފަސް ކާރު
  • ހަތަރު ސައިކަލު
  • ދެ ޕިކަޕު
  • އެއް ކަނޑު އުޅަނދު
  • 29 ސަންކޮނުއާ ގުރާ
  • ނުވަ ރިންގްނެކް ގުރާ

ޕީޖީ އޮފީހުން ކުރިން ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ރަށު ގަސްދޮށުގެ ބަލައި ފާސްކުރިއިރު، އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓުތައް ބަލައި ފާސްކުރިއިރު، ކުދި އަދަދުތަކުން މީހުން ފޮނުވާފައި ހުންނަ ފައިސާ ހަސަން އާޒިމް އާއި އަހުމަދު ނިއުޝާދުގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ޑީލަރުންނަށް މުސާރަ ދީގެން ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން އެ ދެމީހުން ފައިސާ ހޯދާފައިވާ ކަމަށާއި އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން އެ މީހުން ބަލަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިދިޔަ އަހަރުގެ އޯގަސްޓު 1، އާ ހަމައަށް މަސްތުވާތަކެތީގެ ނެޓްވޯކު ހިންގައި އެ ނެޓްވޯކުގައި އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އާޒިމް އައި ނިއުޝާދު، އިރުޝާދު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުން ޖުލައި 1، 2019، އިން އޯގަސްޓު 1، 2024، ގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން އާޒިމްގެ އެކައުންޓަށް 5.9 މިލިއަން ރުފިޔާ އަދި ނިއުޝާދުގެ އެކައުންޓަށް އެ މުއްދަތުގައި 21.8 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާކަން އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހަ މީހުން ވެސް ޕީޖީގެ ލަފާގެ މަތިން ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ވަނީ އައްޑޫ ހިތަދޫގައި އެންމެ ފުޅާދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ސ.ހިތަދޫ، ކޮންމުލި އަލީ ނަދީމް (މައިލޯ ނަދަމާ) އާއި އޭނާގެ ބައިވެރިން ވެސް ބަންދުން ދޫކޮށްލާފަ އެވެ. އޭނާގެ ބޭންކު އެކައުންޓުން އެތައް މިލިއަން ރުފިޔާ ފެނިފައިވާއިރު، ޕީޖީ އޮފީހުން ބުނީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ. ބަންދުން ދޫކޮށްލަން ދެއްކި ހުއްޖަތަކީ އެއީ އެވެ.

ކޮމެންޓް