
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު 34، އާއި ފުވައްމުލައް ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް 29، އެވެ. އެ ދެމީހުން މީގެ ކުރިން ވެސް ފުލުހުން ހައްޔަރުކޮށްފައިވާ އިރު، އެ ދެ މީހުން ފުރަތަމަ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށްފައި ތިއްބާ ހައި ކޯޓުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް ބަންދުން ދޫކުރި އެވެ. އޭގެ ފަހުން، އާ އަމުރެއްގެ ދަށުން ހައްޔަރުކުރި އެވެ.
ފަހުގެ އަމުރުގެ ދަށުން ނިއުޝާދާއި އާޒިމް ބަންދުކޮށްފައި ތިބި ނަމަވެސް، މިދިޔަ ހަފުތާގައި ކޯޓުން އެ ދެ މީހުން ބަންދުން ދޫކޮށްލި އެވެ. އެމީހުން ދޫކުރީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެ ދެމީހުން ދޫކޮށްލުމާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން ރޭ މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، އެ ދެ މީހުން އަލުން ރޭ ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
އާޒިމާއި ނިއުޝާދުގެ މައްޗަށް ޕީޖީ އޮފީހުން ވަނީ 2025 މާޗް 18 ވަނަ ދުވަހު ދައުވާކޮށްފައެވެ. އެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ކުރިން ނެރުނު ބަޔާނުގައި ބުނީ އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށެވެ. އަދި "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ އެވެ.
ނިއުޝާދަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.
އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ހުށަހެޅި ދައުވާގައި އެ ދެމީހުންގެ މިލްކިއްޔާތުގައި ހުރި ގިނަ ތަކެތި ދައުލަތަށް ނަގައިދިނުމަށް އެދިފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ؛
އިސްލާމިކް ބޭންކުގައި ބަހައްޓާފައިވާ 1.1 މިލިއަން ރުފިޔާ
ޕީޖީ އޮފީހުން ކުރިން ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ރަށު ގަސްދޮށުގެ ބަލައި ފާސްކުރިއިރު، އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓުތައް ބަލައި ފާސްކުރިއިރު، ކުދި އަދަދުތަކުން މީހުން ފޮނުވާފައި ހުންނަ ފައިސާ ހަސަން އާޒިމް އާއި އަހުމަދު ނިއުޝާދުގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.
2025 އޯގަސްޓު 1، އާ ހަމައަށް މަސްތުވާތަކެތީގެ ނެޓްވޯކު ހިންގައި އެ ނެޓްވޯކުގައި އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އާޒިމް އައި ނިއުޝާދު، އިރުޝާދު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ފުވައްމުލަކުގައި ޖެނުއަރީ 2025 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވިއެވެ.
ނިއުޝާދާއި އާޒިމަށް ތުހުމަތު ކުރަނީ އެ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތެވެ.




