ފުލުހުންގެ މައި އިދާރާ.--
ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލަތައް އިތުރުވަނީ
މަރްޔަމް މުޙައްމަދު 28 މާރޗް 2026 (ހޮނިހިރު)   09:28
މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާ މެދުވެރިކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރުދެއްކުމާއި ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުމުގެ މައްސަލަތައް އިތުރުވާކަން ފާހަގަކުރެވެމުން އަންނަކަމަށާ، އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން އުފައްދާފައިވާ އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް މިހާރު ފެންމަތިވާން ފަށާފައިވާކަމަށެވެ.

އަދި ގިނަ ފަހަރަށް މިފަދަ އަމަލުތައް ހިންގަނީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށާ، އެގޮތުން އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާކަން މިފަދަ މައްސަލަތަކުގެ ތަހުގީގުން އެނގޭކަމަށް ފުލުހުން ބުންޏެވެ.

މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއްކަން ފާހަގަކޮށް ފުލުހުން ބުނީ، މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާ، ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުވެގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިފަދަ ކުށްތަކުން ރައްކާތެރިވުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި ހިއްސާކުރުމުގައި ފަރުވާތެރިވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ، އަދި އެއްޗެއް ހިއްސާކުރެވޭ ހިސާބުން އެ އެއްޗެއްގެ ކޮންޓްރޯލް ގެއްލި، އެހެން ފަރާތްތަކަށް ފެތުރިދާނެ ކަމުގެ ބިރު އޮންނާނެކަން ހަނދާނުގައި ބެހެއްޓުން ވެސް މުހިންމު ކަމަށެވެ.

އަދި، މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާ، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް