މާލޭ ސިޓީގެ މޭޔަރު އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް - ފޮޓޯ: އެމްޑީޕީ
ދެގޮތެއްނުވެ އެއްނަމެއްގައި ދެމިއޮތުމަކީ ރައްޔިތުންގެ އިތުބާރުލިބޭނެ އެންމެބޮޑު ބާރު
"ރާއްޖޭގެ ސިޔާސީ ތާރީހުގައި ބަދަލުނުވެ އޮތް، ވަރުގަދަ އައިޑެންޓިޓީއަކީ އެމްޑީޕީ" – މޭޔަރު އާޒިމް
ޖުނާން އަޙުމަދު 27 މާރޗް 2026 (ހުކުރު)   18:15
ސިޔާސީ ގޮތުން ދެގޮތެއް ނުވެ އެއް ނަމެއްގައި ދެމިއޮތުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް އޮތް އެންމެ ބޮޑު ބާރުކަމަށާ، އެގޮތުން "ރާއްޖޭގެ ސިޔާސީ ތާރީހުގައި ބަދަލުނުވެ އޮތް، ވަރުގަދަ އައިޑެންޓިޓީއަކީ "އެމްޑީޕީ" ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެޖެއެވެ.

ލޮނުޒިޔާރަތްކޮޅުގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އާ ނަންނަމުގައި އައު ބުރުތަކެއް ޖެހިޔަސް، އެމްޑީޕީ އޮތީ ދެގޮތެއް ނުވެ އެއް ނަމެއްގައި ކަމަށާ، ކޮންމެ އިންތިހާބީ ދައުރަކާ ދިމާކޮށް އައު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ސަގާފަތެއް ރާއްޖޭގައި އޮންނަ ކަމަށެވެ.

އެ ސަގާފަތަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، ސިޔާސީ މަސްރަހަށް ތަފާތު ނަންނަމުގައި "އަންނަނޯމީ" ތަކެއް އައި ނަމަވެސް، އެމްޑީޕީ ދެމިއޮތީ ބަދަލުނުވާ ވަރުގަދަ އަސާސެއްގެ މަތީގައި ކަމަށާ، ގިނަ ފަހަރަށް ފެންނަނީ އައު ބުރުތަކާއެކު އައު ޕާޓީތައް އުފެދި، ރައްޔިތުންގެ ކުރިމަތީގައި ބޮޑެތި ވައުދުތަކެއްވެ "ފޮނިކަނޑާ" މަންޒަރު ކަމަށެވެ.

އެހެން ނަމަވެސް އަމަލީ ގޮތުން އެ ވައުދުތައް ނުފުއްދޭކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެމްޑީޕީއަކީ އުފެދުނީއްސުރެ އެއް ނަމެއްގައި، އެއް ފިކުރެއްގައި ސާބިތުވެ އޮތް ޕާޓީއެއްކަމަށެވެ.

"މިފަދަ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި އެންމެހާ ރައްޔިތުންގެ ވޯޓު، އެމްޑީޕީގެ ރަމްޒު ކަމުގައިވާ "ތިލަފަތަށް" ދެއްވުމަށް އަޅުގަނޑު އެދެން" – އާދަމް އާޒިމް

ޕީއެންސީ އިން 3 ވަނަ އިންތިހާބަކަށް ކުރިމަތިލާއިރު ރައްޔިތުންނަށް މިހާތަނަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާ އާޒިމް ވިދާޅުވީ، އެ ފިކުރުގެ މީހުންނަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންނަށް އުނދަނގޫކޮށް ދޮގުހެދުން ކަމަށާ، މި ސަރުކާރުން މާލެ އަށް ވެސް ކޮށްދިން ކަމެއް ނެތް ކަމަެވެ.

ނަމަވެސް އެއާ ހިލާފަށް އެމްޑީޕީ އަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެކަން ސާބިތުކޮށްދީފައިވާ އިތުބާރު ހިފޭ ބައެއް ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ، ކައުންސިލް އިންތިހާބަށް އެމްޑީޕީ އިން ކުރިމަތިލަނީ ވެސް ރައްޔިތުންނަށް ދިމާވެފައި ހުރި މުހިންމު ކަންކަން އެމްޑީޕީ އިން ހައްލުކޮށްދިނުމަށް ފަހުގައި ކަމަށާ، އެގޮތުން އާޒިމްގެ މޭޔަރުކަމުގައި މާލެ އަށް ބޭނުންވާ ގިނަ ކަންކަން ކޮށްދީފައިވާނެ ކަމަށެވެ.

ކޮމެންޓް