
ދެން އުފެދުނު ސުވާލަކީ "ތިހެން ވިއްޔާ މިހާރު މިވަނީ ކިހިނެއްތޯ؟" މިހާރު މިވާގޮތެއް އަޅުގަނޑަކަށް ސީދާ ބުނެދޭކަށް ނޭނގެއެވެ. އެކަމަކު އެނގޭ ކަމަކީ ގައުމެއްގެ ޑިމޮކްރަސީ ހަލާކުވެ، ފަހަތަށް ޖެހުމުން އެއަށް ކިޔަނީ 'އިންތިހާބީ އޮޓޮކްރަސީ' ކަމެވެ. ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ 'ޑިމޮކްރަސީ' އެއް ނޫނެވެ. މިހާރު މިއޮތީ 'އިންތިހާބީ އޮޓޮކްރަސީ' އެކެވެ. އިންތިހާބީ އޮޓޮކްރަސީ އަކަށް ވުމަކީ އަދި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވުމެއް ނޫނެވެ. މިހާރު މިއޮތީ ހުދުމުހުތާރު ވެރިކަމެކޭ އަދި ނުބުނެވޭނެއެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް އިންތިހާބީ އޮޓޮކްރަސީ އެބައޮތެވެ. ގިނަ ގައުމުތަކުގައި އޮޓޮކްރަސީ އޮތުމުގެ މާނައަކީ މިއީ ވެރިކަން ހިންގަން، އެންމެ ރަނގަޅު ގޮތް ކަމުގައި ވުމެއް ނޫނެވެ. ޑިމޮކްރަސީ ހަލާކުވެގެން ދިއުމުން ވެރިކަމުގައި ހުންނަ ފަރާތުގެ ބާރުތައް އިންތިހާއަށް ގަދަވެގެންދެއެވެ. އާދެ، 'ސްޓްރޯންގް މޭން' ވެރިން ފާޅުވެއެވެ. ފާއިތުވި 2025 ވަނަ އަހަރު ނިމުނުއިރު އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ، އާޖެންޓީނާ، އިޓަލީ، ކުވެއިތު، އިންޑޮނޭޝިއާ އަދި ޕާކިސްތާނު ފަދަ ގައުމުތަކުގައި އޮތީ އިންތިހާބީ އޮޓޮކްރަސީ އެވެ. މިގޮތަށް ދުނިޔޭގެ 44 ގައުމެއްގައި މިފަދަ އޮޓޮކްރަސީގެ ވެރިކަން ހިނގައެވެ.
އަދި 2025 ވަނަ އަހަރު ނިމުނުއިރު އިންތިހާބީ އޮޓޮކްރަސީގެ ލިސްޓުން 11 ގައުމެއް ވަނީ އުނިވެފައެވެ. ކޮމޮރޯސް، މޮރިޝަސް، ލެބަނަން، ބަންގްލަދޭޝް އަދި ސައުތު ކޮރެއާ ފަދަ ގައުމުތައް މިހާރު އެ ލިސްޓަކު ނުހިމެނެއެވެ. ރާއްޖޭގެ ސިޔާސަތުތައް މިހާރު މިހުރީ އިންތިހާބީ އޮޓޮކްރަސީއަކާ ދިމާއަށް މިސްރާބު ޖަހާފައެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ނިޔަތެއް ނެތްކަމުގެ ނިޝާންތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝިކާރައަކަށް ވާނީ ނޫސްވެރިކަމެވެ. ރާއްޖޭގައި ނޫސްވެރިކަން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް އޮތް މަގު މިހާރަކު ނެތެވެ. މިހާރު އޮތީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން' އެވެ. މިއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ 4 މެންބަރުންނާއި މީޑިއާއިން އިންތިހާބުކުރާ 3 މެންބަރުންގެ މައްޗަށް އެކުލެވޭ، ޖުމްލަ 7 މެންބަރުން ހިމެނޭ ކޮމިޝަނެކެވެ. ނޫސްވެރިން މިކޮމިޝަން ސިފަކުރަނީ ނޫސްވެރިކަން ކޮންޓްރޯލްކުރާ ކޮމިޝަނެއްގެ ގޮތުގައެވެ.
ސަބަބަކީ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތުމުން، ސަރުކާރުން ބޭނުންވާ މެންބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ފުރުސަތު އޮތުމެވެ. އަދި ނޫސްވެރިކަމުގެ މައިދާނުގައި މިއަދު އެންމެ ގިނަ ކޮންޓެންޓް ޝާއިއުކުރާ ފަރާތަކީ ސަރުކާރު ކަމަށްވެސް ވުމެވެ. ނޫސްވެރިކަމުގެ މައިދާނުގައި ދެ ޓީވީ ޗެނަލެއް ފިޔަވައި ހުރިހާ ޗެނަލްތަކަކީ ސަރުކާރުގެ ތަރުޖަމާނުންނެވެ. އަދި އޮންލައިން ނޫސްވެރިކަން އޮތީވެސް ހަމަ މިގޮތަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ވަނީ ހަނިކުރެވިފައެވެ. މުޒާހަރާކުރުމާއި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ކުރިމަތިކުރުވާ އުނދަގޫތައް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވަނީ ފެނިފައެވެ. އެހެންކަމުން، މުޒާހަރާ ކުރަންޖެހޭ ކަންކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މިހެން ކަންތައްތައް އޮވެމެ، އަޅުގަނޑުމެންގެ ކުރިމައްޗަށް މި އަންނަނީ ރިފަރެންޑަމެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ހޯދުމަށެވެ. އެކި ބޭފުޅުން ފާޅުކުރައްވާފައިވާ ހިޔާލުތަކަށް ބަލާއިރު، ރިފަރެންޑަމާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވީ، ދެ އިންތިހާބު އެއްކުރުމަށް ކުރީގެ ރައީސުންވެސް ހިޔާލު ފާޅުކުރައްވާފައިވާ ކަމަށެވެ. މިދުވަސްވަރު އެ ހިޔާލުތަކުގެ ސްކްރީންޝޮޓްތައް މީސްމީޑިއާގައި ދައުރުވަމުންދެއެވެ. އެ ހިޔާލުތައް ފާޅުކުރައްވާފައިވަނީ އެ ބޭފުޅުން ވެރިކަމުގައި ތިއްބެވި ދުވަސްވަރުއެވެ. ނަމަވެސް އެ ހިޔާލުތަކަށް މިހާރުގެ ސަރުކާރު، އިދިކޮޅުގައި ތިއްބެއިރު ކުރެއްވި ތާއީދެއް ފެންނާކަށް ނެތެވެ. ތާއީދުކުރެއްވި ނަމަ މިކަން އޮތީހީ މިހާރު ނިމިފައެވެ. މިހާރު ކޮޅު އެނބުރި، ކުރީގެ ސަރުކާރުން ފާޅުކުރި ހިޔާލަށް މިހާރުގެ ސަރުކާރުން މިފެންނަނީ ވަރަށް ބޮޑަށް ތާއީދުކުރާތަނެވެ. މިކަމުން ފާހަގަކުރެވެނީ ވެރިކަމުގައި ތިބޭއިރު އިންތިހާބު އެއްކުރަން ތާއީދުކުރެވުނަސް، އިދިކޮޅުގައި ތިބޭއިރު އެ ވިސްނުން ބަދަލުވާ ކަމެވެ.
ސިޔާސީ ބޭފުޅުން މިކަމުގައި ރައްޔިތުންނާ ހިއްސާ ނުކުރާ ސަބަބުތަކެއް ހުރީކަމަށް ވެދާނެއެވެ. އަޅުގަނޑަށް މިކަމުގައި ނުވިސްނޭ ކަންތައްތަކެއް ހުރީ ކަމަށްވެސްް ވެދާނެއެވެ.
އެހެންކަމުން އަޅުގަނޑަށް ދެނެގަނެވެނީ، ދެ އިންތިހާބު އެއްކުރުމަކީ ވެރިކަމުގައި އޮންނައިރު ކުރަން ފަހި ކަމެއްގެ ގޮތުގައެވެ. ނަމަވެސް އިދިކޮޅުގައި ތިބެ ރައްޔިތުންގެ އަޑުއިއްވަން ޖެހޭއިރު އެއީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ނުވާތީއެވެ.
ކުރިން ދެންނެވި ފޯރަމުގައި ވާހަކަދައްކަވަމުން ކުރީގެ އިގްތިސާދީ ވަޒީރު އަހުމަދު މުހައްމަދު ވިދާޅުވީ، ދެ އިންތިހާބު އެއްކުރުމަކީ ބޮޑުތަނުން ހަރަދު ކުޑަވާނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ހިސާބުތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އަނެއް ކޮޅުން އަޅުގަނޑުމެން ދަންނަންވީ، ޑިމޮކްރަސީއަކީ ހިންގަން ހަރަދު ކުޑަ ނިޒާމެއް ނޫންކަމެވެ. އެއީ ސަރުކާރަށް އެގްޒެކެޓިވް ބާރުތައް މަތިކުރާއިރު، އެ ބާރުތަކަށް ފާރަވެރިވާނޭ ނިޒާމެއްވެސް އެކުއެކީގައި ގާއިމުކުރަން ޖެހޭތީއެވެ. ރައްޔިތުންގެ ބަސް ހޯދުމަށް ބާއްވާ އިންތިހާބުތައް މަދުކޮށްގެން ހަރަދު ކުޑަކުރަން އުޅުމަކީ ޑިމޮކްރަސީ ހަރުދަނާކޮށް ހިންގަން އުޅުމާ ބީރައްޓެހި ކަމެކެވެ.
އިންތިހާބެއްގައި ހަރަދު ކުޑަކުރުމާ ގުޅޭގޮތުން ޝަރުވަޝް 'މޯލްޑިވްސް އިކޮނޮމީ' ގައި ލިޔުއްވާފައިވާ މަޒުމޫނެއްގައި ވަނީ، ސިޔާސަތަށް ބަދަލުތަކެއް ނުގެނެސްވެސް، އެކަށޭނެ ޓެކްނޮލޮޖީ ބޭނުންކުރުމާއި އިދާރީ ކަންކަން ކުރުންތެރިކޮށްގެން އިންތިހާބުގެ ހަރަދުތައް ކުޑަކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން، ހަރަދު ކުޑަކުރުމަކީ އަސްލު ނިޔަތް ކަމުގައިވާނަމަ، އަޅުގަނޑުމެންގެ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރަންވީ ނޫންތޯއެވެ؟ މިއަދު މިތިބީ ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއްގެ މަގުން މަޖިލިސް އެކުލަވާލައިގެންނެވެ. މަޖިލިސް މެންބަރުންގެ އަދަދު 50 އަށް މަދުކުރިޔަސް، ކޮންމެ 10،000 ރައްޔިތަކަށް މެންބަރަކު ހުންނާނެއެވެ. އަދި މިދިޔަ ހަފުތާގައި ލަންކާގައި ވަނީ މަޖިލިސް މެންބަރުންނަށް ލިބޭ އިންޝުއަރެންސް އިނާޔަތްތައް ކުޑަކޮށްފައެވެ. ނަމަވެސް އަޅުގަނޑުމެން މިތިބެނީ މަޖިލީހުގެ ހަފޮޅުން އެތެރެވި ކޮންމެ މެންބަރަކަށް، އެންމެ ދައުރެއް ހަމަކުރިޔަސް، ތާއަބަދަށް މުސާރަ ދޭ ގޮތަށް ހަދާ އަދި އެވަރުން ނުވެގެން ޑިޕްލޮމެޓިކް ޕާސްޕޯޓުވެސް ދީގެންނެވެ.
މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްފައިވަނީ ވަރަށް ރަނގަޅު ނިޔަތެއްގައެވެ. އެއީ މަޖުލިހުގައި ވޯޓުލުމުގައާއި ރައްޔިތުންގެ އަޑު އިއްވުމުގައި އެންމެ ފައިދާވާ ގޮތަށް، ވަކި ފަރާތެއްގެ ނުފޫޒަށް ބުރަނުވެ ކަންކަން ކުރާނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް، ނޫސްތައް ބަލައިލުމުން ފެންނަނީ ރިޝްވަތު ނަގައިގެން ބިލުތަކަށް ވޯޓުލުމާއި، އެކި ސިޓީއުރަތަކުގައި ހިފާކަމުގެ އަޑުތަކެވެ.
މި ހަފުތާގައި ރިފަރެންޑަމާ ގުޅޭގޮތުން މަގުމައްޗަށް ދޫކޮށްލާފައި ހުރި ބައެއް ލިޔެކިޔުންތައް ކިޔާލެވުނެވެ. އޭގައި ފާހަގަކޮށްލެވުނީ އެމެރިކާގައި ދެ އިންތިހާބު އެއްކޮށް އޮންނަ ވާހަކައެވެ. ކޮންގްރެސްގެ ދެބައިކުޅަ އެއްބައިގެ އިންތިހާބު އޮންނަނީ ރިޔާސީ އިންތިހާބާ އެކުގައެވެ. ނަމަވެސް އެ ލިޔުމުގައި ފާހަގަކޮށްފައި ނެތް ކަމަކީ، ކޮންގްރެސްގެ އަނެއް ބައިގެ އިންތިހާބު އޮންނަނީ ރިޔާސީ ދައުރުގެ މެދުތެރޭގައި (މިޑް-ޓާމް) ކަމެވެ. މިހެން އޮތުމުން ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރު ފުރުސަތެއް ލިބެއެވެ. ސަރުކާރުން ކަންކަން ރަނގަޅަށް ނުގެންދާނަމަ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ނޫނީ މެޖޯރިޓީ ގެއްލިގެން ދިއުމުގެ ފުރުސަތު އޮވެއެވެ. އަދި ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބުގައި ސަރުކާރަށް ރަނގަޅު މެޖޯރިޓީއެއް ލިބިއްޖެނަމަ، އޭގެ މާނައަކީ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަޖެހެނީއެވެ.
ރިޔާސީ ދައުރުގެ މެދު ތެރޭން އިންތިހާބު ބޭއްވުމުން، ސަރުކާރަށް މަޖިލިސް ގެއްލިޖެނަމަ ތަރައްގީގެ މަސައްކަތަށް ހިނގާ ޕްރޮގުރާމުތައް ކުރިއަށް ގެންދަން ހުރަސްތަކެއް އެޅިދާނެ ކަމީ އިންތިހާބު ނުބޭއްވުމާއި އިދިކޮޅަށް ދެއްކޭ ވާހަކައެކެވެ. އެކަމަކު ސަރުކާރުން ހިނގާ ކަންކަން މަގުބޫލުކަން ގެއްލިގެން ގޮސް އިދިކޮޅަށް މަޖިލިސް ލިބުމަކީ ދެން އިދިކޮޅާ ގުޅިގެން ސަރުކާރު ހިންގުމަށް އޮތް މަގެވެ. މިއީ އަޅުގަނޑަށް ޑިމޮކްރަސީގެ ސަޅި ކަމެކެވެ.
މިގޮތަށް މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލުމުން، އަލަށް އުފެދޭ ސަރުކާރު، މަޖިލިސް އިންތިހާބު ޖެހެންދެން ސަރުކާރުގެ މަސައްކަތް ނުހިނގާ ކަމަށް ބުނެ މިހާރު ކުރާ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ހީވެއެވެ. އަދި ރައްޔިތުންނާ އިދިކޮޅު ފަރާތްތައް ފަސް އަހަރު ދައުރެއް ނިމެންދެން ހިންދިރުވަ ދިރުވާ ތިބޭކަށްވެސް ނުޖެހޭނެއެވެ.
މިހާރު މި އިވެނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކުރުމަށް ފާޅުކުރެއްވި ހިޔާލެވެ. އާދެ، ރިޔާސީ ދައުރުގެ މެދުތެރެއިން މަޖިލީހުގެ ދެބައިކުޅަ އެއްބައިގެ އިންތިހާބަށް ދާއިރު، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިންތިހާބުވެސް ބާއްވަންވީ ނޫންތޯއެވެ؟
ޑިމޮކްރަސީއެއް 'އިންތިހާބީ އޮޓޮކްރަސީ' އަކަށް ބަދަލުވެފައިވަނިކޮށް، އަލުން އަނބުރާ ޑިމޮކްރަސީއަށް ބަދަލުކުރެވޭ ގޮތަކީ އިންތިހާބުގެ ނަތީޖާއެވެ. އޮޓޮކްރެޓިކް ސަރުކާރަކުން ހުރިހާ ބާރުތަކެއް އެއްކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނީ އިންތިހާބުން ބަލިކޮށްގެންނެވެ.
އަޅުގަނޑުމެންނާ އޭޕްރީލް 4 ގައި ކުރިމަތިވާ އިންތިހާބަކީ ޑިމޮކްރަސީއަށް ދޭ ވޯޓެއްތޯ ނުވަތަ އޮޓޮކްރަސީއަށް ދޭ ވޯޓެއްތޯވެސް މިއީ އަޅުގަނޑުމެން ނިންމަން އޮތްކެމެކެވެ. ޑިމޮކްރަސީ ނެގެހެއްޓުމަކީ ރައްޔިތުންގެ އަޑު ކެނޑުނަ ނުދީ ހިފެހެއްޓުމެވެ.




