މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން މިފަދައިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރޭ ކުރިއަށް ގެންދިޔަ، "1+1=ކީއްކުރަން؟" ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު، ގައުމުގެ ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކާއި، ގާނޫނީ ގޮތުން ކުރިމަތިވެދާނެ ކަންކަމާ މެދު ފުންކޮށް ބަހުސްކުރަން ބޭއްވި މި ފޯރަމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މިގައުމުގެ ވެރިންނަކީ ރައްޔިތުން ކަމަށެވެ.
"އެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އަކީ މިގައުމުގެ މިލްކުވެރިޔާއެއްނޫން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ގައުމެއް ނޫން. މި ގައުމުގެ ވެރިންނަކީ ރައްޔިތުން." އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ހޮވާ ރައްޔިތުންގެ މަޖިލީހަކުން، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކޮށްފާނެ ކަމުގެ ބިރު އަބަދުވެސް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަން ޖެހޭނެ ކަމަށެވެ.
މިސާލެއްގެ ގޮތުން އަލީ ހުސައިން ވިދާޅުވީ އޮޑިވެރިޔާ އަކީ ރައްޔިތުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ ކެޔޮޅެއް ކަމަށެވެ.
ރާއްޖޭގައި ކުރީ ޒަމާނުގައި ރަސްކަން އޮތް ނަމަވެސް މިހާރު މިއޮތީ ރިޔާސީ ނިޒާމެއްކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ ރިޔާސީ ނިޒާމުގައި ވެރިންނަކީ ރައްޔިތުން ކަމަށެވެ. އެހެންކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ބާރު އެންމެ ގަދަކޮށް އޮންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން ރަނގަޅު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ހަމަ މިޑް ޓާމް އިލެކްޝަނަކާ ދިމާވާގޮތަށް ހަމަ ސީދާ މިޑް ޓާމް ގައި ބާއްވަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަށްވުރެ މާރަނގަޅު ވާނެ، ދެ އިންތިހާބު އެއްކުރުމަށްވުރެ މާ ބޮޑު ތަނުންވެސް ރަނގަޅު ވާނެ." އަލީ ހުސައިން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ނުވަތަ އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހުއެވެ.
އެކަމަށް މަގުފަހި ކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ބިލެއް ފާސްކޮށްފަ އެވެ. ފެންނަ ނުފެންނަ ވޯޓު ނަގަނީ އެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ.
މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް "ފެންނަ" ކަމަށެވެ. އިދިކޮޅު މައިޕާޓީ އެމްޑީޕީ އާއި އިދިކޮޅު ބައެއް ލީޑަރުންނާއި، ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަނީ އެކަމާ ދެކޮޅަށް، އެގޮތަށް ފާސްކުރަން "ނުފެންނަ" ކަމަށް ވަކާލާތު ކުރައްވަމުންނެވެ.




