މައްސަލަ ބެއްލެވި ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި.--
ސުޕްރީމް ކޯޓުން ހުކުމްކުރީ ރެފަރެންޑަމް ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް ކަމަށް
ޖުނާން އަޙުމަދު 31 މާރޗް 2026 (އަންގާރަ)   14:18
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގާނޫނީ ވަކީލް އައިކް އަހުމަދު އީސަ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މިހާރު ސުވާލު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ އަސާސެއް ނެތްކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިއިރު، އެ ވޯޓު ހުއްޓުވުމަށް އެމްޑީޕީން ސިވިލް ކޯޓާއި ހައި ކޯޓަށް ވެސް ކުރިން މައްސަލަތަކެއް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަތައް ބަލައިގެންފައެއް ނުވެ އެވެ.  

ކޮމެންޓް