މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނުގެ.--- ފޮޓޯ: މުޒައްޔިން ނާޒިމް | ދައުރު
ޑްރަގް ކެފޭއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހަދަނީ
ފިޔެސް 2 އޭޕްރީލް 2026 (ބުރާސްފަތި)   08:13
މާލޭގައި މަސްތުވަތަކެތީގެ ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ގެއެއްގެ ތެރެއިން ފެނުނު މީހާގެ އޮޓޮޕްސީއެއް ހަދަން ފުލުހުން ނިންމައިފި އެވެ.

ފާށަނާކިލެގެފާނު މަގުގެ ހަނި ގޯޅިތެރޭގައި ހުރި ގ.ފްރެޝް ލައިޓް ނަމަކަށް ކިޔާގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް މީޑިއާތަކުން ރިޕޯޓްކުރީ އިއްޔެ މެންދުރު ފަހު އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމީހާގެ ގައިން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ. އަދި އޭނާ ފެނުނުއިރު ހުރީ ދަންމަޅީ ގައި ކަމަށާއި އެއީ އެހެން ބަޔަކު އޭނާއަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މި ހާދިސާގެ ސާފު މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ ގްރޫޕްގައި ސުވާލުކުރުމުން، ފުލުހުންގެ ފަރާތުން އިއްޔެ ހަވީރު 16:09 ގައި މީޑިއާއަށް އާންމުކުރި މައުލޫމާތުގައި ބުނީ އެއީ "އަމިއްލައަށް މަރުވުމުގެ މައްސަލައެއް" ކަމަށެވެ. އެހެންވެ އާންމު އުސޫލުގެ މަތިން އެފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުނުކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް، ރޭ 23:30 ގައި ފުލުހުން ވަނީ އެ ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ދީފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ 2026 އޭޕްރީލް 1 ވަނަ ދުވަހުގެ މެންދުރު ފަހު 13:10 އެހައިކަންހާއިރު އެވެ.

ނިޔާވި މީހާގެ ބޭރުފުށުން އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި އެހެންނަމަވެސް ބައެއް ސަބަބުތައް ބަޔާންކޮށް ފުލުހުން ބުނެފައިވަނީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމަށް އޮޓޮޕްސީ ހަދަން ނިންމާފައި ވާކަމަށެވެ.

"ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވެއެވެ. އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ." ފުލުހުން މީޑިއާއަށް ފޮނުވި މެސެޖްގައި ވެއެވެ.

ފުލުހުން ފަހުން ދިން މައުލޫމާތުގައިވެސް ނިޔާވެފައިވަނީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.

ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ، ނ.ވެލިދޫ، ގުލިސްތާނުގެ، އިބްރާހިމް ރިފްޝާން، 30އ. އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް